ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ލިވަޕޫލްގެ ކީޕަރު އެލިސަންގެ މޮޅު ސޭވްތަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕީއެސްޖީން ވަނީ މެޗު ކޮންޓްރޯލްކޮށް ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. މި ހުރިހާ ހަމަލާތަކެއްގެ ހުރަހަކަށްވީ ލިވަޕޫލްގެ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ. މި މެޗްގައި އެލިސަން ވަނީ ޕީއެސްޖީގެ ނުރައްކާތެރި 9 ހަމަލާ ހުއްޓުވާއެވެ. މި މެޗުގެ 70 އިންސައްތަ ޕީއެސްޖީން ޑޮމިނޭޓް ކޮށްފައިވާއިރު އެ ޓީމުން ވަނީ ލިވަޕޫލްގެ ގޯލަށް 27 ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗްގައި ޖެހި ހަމައެކަނި ގޯލް 87 ވަނަ މިނެޓްގައި ޖެހީ އޭގެ މިނެޓެއް ކުރިން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެލިއޮޓްއެވެ. މި ގޯލްޖަހަން ފުރުޞަތު ފަހުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނޫނޭޒްއެވެ. މި މެޗްގައި ލިވަޕޫލުން ކުޅުނީ މީގެކުރިން އެ ޓީމް ނުޅުކޭ ކަހަލަ ޑިފެންސިވް ގޭމްއެކެވެ. މިމެޗުން މީއެސްޖީ ބަލިވީ ބަލިނުވެ 22 މެޗް ފުރިހަމަކޮށް ރަނގަޅު ފޯމެެއްގައި އޮއްވައެވެ.