މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން މަސްވެރިކަމުގެ 5 ދާއިރާއަކުން އެކުލަވާލާ ލަފާދޭ 5 ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކޮމެޓީތައް އެކުލަވާލަނީ ކަނޑުމަހުގެ މަސްވެރިންކަން މެނޭޖުކުރުމަށާއި، ފާނަ މަސްވެރިކަމާއި، ހިބަރު މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި އެކުލަވާލާ ކޮމެޓީތަކެއް ކަމަށާއި، ކަމަށާއި އެގޮތުން ކޮމެޓީގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ 5 އަހަރު ކަމަށެވެ.
ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ވަދު ނަނުގެ މަސްވެރިކަން ކުރާ ފަރާތެކެވެެ.
ފާނަ މަސްވެރިކަން މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ފާނަ މަސްވެރިކަން ތަމްސީލުކުރާ ފަރާތަކާއި، ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ފަރާތެކެވެ.
ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަށް ހުޅުވާލާފައިވަނީ ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލުކުރާ ތިން ފަރާތަކަށެވެ.
ފަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ފަރުމަހުގެ މަސްވެރިކަން ތަމްސީލުކުރާ 2 ފަރާތަކާއި ފަރުމަހުގެ ވިޔަފާރިކޮށް، އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ 2 ފަރާތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެކެވެ.
ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ހުއިފިލަނޑާގެ މަސްވެރިކަން ތަމްސީލުކުރާ 2 ފަރާތަކާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ 2 ފަރާތަކަށެވެ.
ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އެ ދާއިރާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފްސީލު އަހަރަކު އެއް ފަހަރު މިނިސްޓްރީ އަށް ހުށަހެޅުމާއި ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އަށް ލަފާ ދިނުމެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކޮމިޓީއަށް މެމްބަރުން ނެގުމުގައި ބަލާނީ އެ މަސައްކަތުގައި އެ މީހުން ހަރަކާތްރެރިވެފައިވާ މުއްދަތަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާގެ މަގާމަށް އެދި ހުށަހަޅާ މީހެއް ނަމަ، އެ ދާއިރާ އިން އެ ޖަމިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެޓީތަކުގެ މެމްބަރުކަމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
advertisment
advertisment