ދުވަހުގެ ނަސޭހަތް: ޢުމުރުގެ ފަހުކޮޅު ޚާއްޞަކޮށް ހެޔޮޢަމަލު ކުރެވޭތޯ ބަލާށެވެ

ޢުމުރުގެ ފަހުކޮޅު ޚާއްޞަކޮށް ހެޔޮޢަމަލު ކުރެވޭތޯ ބަލާށެވެ

ފުޟައިލު ބުނު ޢިޔާޟް ރަޙިމަހުﷲ މީހަކަށް ވިދާޅުވިއެވެ. "ތިބާގެ ޢުމުރުން ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟"

އެމީހާ ބުންޏެވެ. "ފަސްދޮޅަށް އަހަރު ވެއްޖެއެވެ."

ފުޟައިލު ވިދާޅުވިއެވެ. "ތިބާގެ ރައްބުގެ އަރިހަށް ތިބާ ދަތުރުކުރާތާ ފަސްދޮޅަސް އަހަރުވީއެވެ. މިހާރު ތިބާ ﷲ އާ ބައްދަލުކުރަން ކައިރިވެއްޖެހެން ހީވެއެވެ."

އެމީހާ ބުންޏެވެ. "إِنَّا للهِ وَإنَّا إِلَيْهِ رَاجِعُونَ. ހަމަކަށަވަރުން އަހަރެމެން މިލްކުވެގެންވަނީ މާތް ﷲ އަށެވެ. އަދި ހަމަކަށަވަރުން އަހަރެމެން އެނބުރި ދިޔުންވަނީވެސް އެއިލާހުގެ ޙަޟްރަތަށެވެ."

ފުޟައިލު ވިދާޅުވިއެވެ. "ތިބާއަށް ތިޔަ ބަސްތަކުގެ ތަފްސީރު އެނގޭ ހެއްޔެވެ؟"

އެމީހާ ބުންޏެވެ. "އޭ އަބޫ ޢަލީއެވެ. އަހަރެންނަށް އޭގެ މާނަ ތަފްސީރުކޮށްދީބަލާށެވެ."

ފުޟައިލު ވިދާޅުވެއެވެ. "އެމީހަކީ ﷲ ގެ އަޅެއްކަމާއި އަދި އޭނާ އެނބުރި ދާހުށީ ﷲ ގެ ޙަޟްރަތަށްކަން ދެނެގަނެފިމީހާ، ފަހެ ހަމަކަށަވަރުން އޭނާ، މާތް ﷲ ގެ ހަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެކަން ދަންނަހުށިކަމެވެ. ﷲ ގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެކަން ދަންނަ މީހާ، ފަހެ އޭނާއާ ސުވާލުވެވޭނެކަން ދަންނަހުށިކަމެވެ. ފަހެ ސުވާލުވެވޭނެކަން ދަންނަމީހާ، ސުވާލަށް ޖަވާބު ތައްޔާރުކުރާހުށިކަމެވެ."

އެމީހާ ބުންޏެވެ. "ކިހިނަކުން ހެއްޔެވެ؟"

ފުޟައިލު ވިދާޅުވިއެވެ. "އެއީ ފަސޭހަކަމެކެވެ."

އެމީހާ ބުންޏެވެ. "ކޮންގޮތަކުން ހެއްޔެވެ؟"

ފުޟައިލު ވިދާޅުވިއެވެ. "ޢުމުރުގެ ބާކީއޮތް ތަން ހެޔޮޢަމަލުކޮށްގެން ރަނގަޅުކުރާށެވެ. މާޒީވެ ދިޔަތަން (އުނިކަން) ފުހެވޭނެއެވެ. ތިބާ ކުރިޔަށް އޮތްތަން ރަނގަޅު ނުކޮށްފިނަމަ، މާޒީވެ ދިޔަތަންވެސް އަދި ކުރިޔަށް އޮތްތަންވެސް ތިބާއަށް ގެއްލުނީއެވެ." (حلية الأولياء لأبي نعيم 8/113)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *