ދުވަހުގެ ނަސޭހަތް: ޢުމުރުން 40 އަށް އަރައިފިނަމަ އަޅުކަންކުރުމުގައި ކުރިޔަށްވުރެ ހީވާގިވުން

ތިބާއަށް ސާޅީސް އަހަރު ފުރިއްޖެނަމަ ދަންނާށެވެ. ފަހެ ތިބާ ތިޔަ ހުރީ ތިބާގެ ޢުމުރުގެ ފަހު ތިންބައިކުޅަ އެއްބައިގައެވެ. ޢުމުރު ތިންބައި ކޮށްފައި ފަހުބައިގައެވެ. މިއީ ތިބާގެ ޙަޔާތުގެ އެންމެ ރީތި ދުވަސްތަކެވެ. ލައިލަތުލް ޤަދްރި ވިލޭރޭވަނީ ރަމަޟާންމަހުގެ ތިންބައިކުޅަ ފަހުބައިގައެވެ. ދުޢާ އިޖާބަކުރައްވާ ސާޢަތާއި މާތް ﷲ ދުނިޔޭގެ އުޑަށް ފައިބާވޮޑިގަތުމާއި މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވާ ރޭއަޅުކަން ވަނީ ރޭގަނޑުގެ ތިންބައިކުޅަ ފަހުބައިގައެވެ. ހަމަ އެފަދައިން ތިބާގެ ޢުމުރުގެ ތިންބައިކުޅަ ފަހުބަޔަކީ ތިބާގެ މާޒީވެދިޔަ ޙަޔާތުގެ މޭވާއެވެ. ތިބާގެ ޙަޔާތުގައި ތިބާ ކުޅަ ތަޖުރިބާތަކުގެ ޚުލާޞާއެވެ. މި ފަނާވަނިވި ދުނިޔޭގައި ތިބާ ހުންނަން އޮތް ބާކީ މަދު ދުވަސްކޮޅެވެ. މިއުންމަތުގެ އެވަރެޖު ޢުމުރަކީ ފަސްދޮޅަސް އަހަރާއި ހަތްދިހަ އަހަރާ ދެމެދެވެ. އޭގެން މައްޗަށް ދަނީ މަދު މީހެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( أَعْذَرَ اللَّهُ إِلَى امْرِئٍ أَخَّرَ أَجَلَهُ ، حَتَّى بَلَّغَهُ سِتِّينَ سَنَةً ) رواه البخاري (6419) .އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. އެމީހެއްގެ ޢުމުރު ފަސްދޮޅަސް އަހަރާ ހަމައަށް ފޯރަންދެން، އެމީހެއްގެ އަޖަލު ލަސްކުރައްވައިފި މީހަކަށް، މާތް ﷲ އޭނާގެ ޢުޛުރު ޤަބޫލެއް ނުކުރައްވާނެއެވެ. (އޭނާއަށް މުހުލަތު ދެއްވައިފިއެވެ. އޭނާއަކަށް ޢުޛުރެއްނެތެވެ.)

عَنْ أَبِي هُرَيْرَةَ ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ( أَعْمَارُ أُمَّتِي مَا بَيْنَ السِّتِّينَ إِلَى السَّبْعِينَ ، وَأَقَلُّهُمْ مَنْ يَجُوزُ ذَلِكَ ) . روى الترمذي (3550) وحسنه ، وابن ماجة (4236) وحسنه الألباني في "صحيح الترمذي" . އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ ޢުމުރަކީ ފަސްދޮޅަހާއި ހަތްދިހައާ ދެމެދެވެ. އެއަށްވުރެ މައްޗަށް ދަނީ އޭގެ ތެރެއިން ވަރަށްމަދު ބައެކެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. – (مُعْتَرَكُ المنايا ما بينَ الستينَ إلى السبعينَ)-رواه أبو يعلى في مسنده وصححه الألباني في السلسلة الصحيحة މާނައީ: "މަރުގެ މައިދާންވަނީ ފަސްދޮޅަހާ ހަތްދިހައާ ދެމެދުގައެވެ."

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *