ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 2025 ވަނަ އަހަރަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށް އެސްކޫލުން ބުނެއެވެ.
ސްކޫލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކިޔަވައިދޭ މާއްދާތަކާއި ހުރި ޖާގައިގެ މަޢުލޫމާތު ސްކޫލުގެ ވެބްސައިޓް (https://vihs.edu.mv) އިން ލިބެން ހުންނާނެއެވެ. ކިޔަވަން ބޭނުންވާ މާއްދާތަކަށް ފުރުސަތު ލިބޭނީ ދަރިވަރުން ފޯރމް ހުށަހަޅާ ތަރުތީބުން ކަމަށް އެ ސްކޫލުން ބުނެއެވެ.
ސްކޮލަރޝިޕްގެ ފުރުސަތު
ދަރިވަރުންނަށް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޕްލިކޭޝަނާއެކު ލިބިގެންދާނެއެވެ. ސްކޮލަރޝިޕްގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެކެޑެމިކް ކެޓަގަރީގެ ދަށުން ފޯރމް ހުށަހެޅުމުގެ މުއްދަތުގައި ސްކޮލަރޝިޕަށް އެދޭ ހުރިހާ ދަރިވަރުންނަށް ފުރުސަތު ލިބޭއިރު، ސްޕޯޓްސް އަދި ކޯ-ކަރިކިއުލަރ ކެޓަގަރީގެ ދަށުން ސްކޮލަރޝިޕް ދެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ އިންޓަރ-ސްކޫލް ނުވަތަ ނެޝަނަލް ލެވެލްގެ މުބާރާތްތަކުން އެއްވަނަ ނުވަތަ ދެވަނަ ހޯދާފައިވާ ދަރިވަރުންނަށެވެ.
އަލަށް ތަޢާރަފްކުރެވޭ ޕްރޮގްރާމްތައް
2025 ވަނަ އަހަރަށް އަލަށް ތަޢާރަފްކުރާ ޕްރޮގްރާމްތަކުގެ ތެރޭގައި ޕިއާސަންސް ޑިޕްލޮމާ އިން އިންޖިނިއަރިންގ ހިމެނެއެވެ. މީގެއިތުރުން، ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުންނަށް އޭ ލެވެލް ކިޔެވުމާއެކު އެމް.ކިއު.އޭ ލެވެލް 4 ގެ ކޯސްތަކެއް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.