ޕާސަނާލިޓީ – ނަފްސުގެ "ބްލޫޕްރިންޓް"

މީހުން ބުނާތީ އިވެއެވެ.

"އަހަރެންނަކީ ވަރަށް މަޑުމައިތިރިމީހެކެވެ." "އަހަރެންގެ ބޭބެއަކީ ވަރަށް ރުޅިގަދަ މީހެކެވެ." "އަހަރެންގެ އެންމެ ބޮޑު ދަރިފުޅަކީ ވަރަށް މަޑުމަޑުން އިންނަ ކުއްޖެކެވެ. ދެވަނަ ކުއްޖާ ވަރަށް ތަފާތެވެ. ވަރަށް ސުވާލު ގިނަވާނެއެވެ."

މި ދެއްކެނީ ކޮންވާހަކައެއް ބާއެވެ؟ މިގޮތަށް ސިފަކުރާއިރު މިސިފަކުރެވެނީ ކޮންކަމެއްގެ ވާހަކައެއް ބާއެވެ؟

ޖަވާބަކީ މިދެއްކެނީ މީހެއްގެ "ޕާސަނާލިޓީ ޓްރެއިޓް"ގެ ވާހަކައެވެ. ޕާސަަަަނާލިޓީއަކީ އެމީހެއްގެ އަމިއްލަ ސިފަތަކެވެ. ނުވަތަ އަމިއްލަ ވަންތަ ގޮތްތަކެވެ. ކޮންމެ އިންސާނަކު ވެސް އޭނާ ދުނިޔެއާއި ދޭތެރޭ ދެކޭ ގޮތާއި، އެކި ކަންކަމާއި މެދު ވިސްނާގޮތާއި، ކަންކަމާމެދު ކުރެވޭ އިހުސާސްތަކާއި އެމީހާގެ އަމަލުތައް ބިނާވަނީ މިދެންނެވި ގޮތްތަކަށެވެ. ޕާސަނާލިޓީއަށެވެ. އެއީ ނަފްސާނީ އިލްމްގެ ދުނިޔޭގައި ޕާސަނާލިޓީއޭ ބުނެވޭ ބަހުގެ މާނަކުރެވޭ ގޮތެވެ.

ޕާސަނާލިޓީ އަކީ އޭތި އުފެދިގެން ދިއުމަށް ފަހު ނަފްސާނީ ނުވަތަ ޖިސްމާނީ ބަލިމަޑުކަމެއްގެ ސަބަބުން ބަދަލުވާ ބަދަލުވުން ފިޔަވާ ވަކި ގޮތަކަށް ބަދަލެއް ނައިސް ހުންނަ ގޮތްތަކެކެވެ. ނުވަތަ ސިފަތަކެކެވެ. ދިވެހިން ބުނެއުޅެއެވެ. "އެއީ މިވެނި މީހެއްގެ ފާޑެވެ. ގޮތެވެ. އޭނަ އުޅޭނީ އެހެންނެވެ. އޭނަ ބަދަލެއް ނުވާނެއެވެ" މި ބަސްތައް އެ ނިސްބަތް ވަނީ އެމީހެއްގެ ޕާސަނާލިޓީ އަށެވެ.

އަހަރެމެންގެ އަމަލުތައް ގެތިގެން އަންނަނީ މިދެންނެވި ޕާސަނާލިޓީގެ ތެރެއިންނެވެ. އެކި ހާލަތްތަކުގައި އަހަރެމެން އެކިގޮތްގޮތައް އަމަލުކުރެވެނީ މިދެންނެވި ސަބަބަށްޓަކައެވެ. އެއްހާލަތެއް ދިމާވިނަމަވެސް އެކިމީހުން އަމަލުކުރާގޮތާއި އެކަމަކާ ކުރިމަތިލާގޮތް ތަފާތުވުމުގެ އެއްސަބަބަކީވެސް މިއެވެ. އަހަރެމެން ކަންކަމާއި ކުރިމަތިލާ ގޮތުން ފަށައިގެންގޮސް އެހެންމީހުންނާއި ދޭތެރޭ އޮންނަ ގުޅުންތަކާއި މުޖުތަމަޢުގައި ތިމާގެ ހައިސިއްޔަތުފަދަ ކަންކަންވެސް މިދެންނެވި ޕާސަނާލިޓީއާއި ގުޅިފައިވެއެވެ.

އިންސާނުންގެ ޕާސަނާލިޓީއާއި ބެހޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ކުރެވިފައި އެބަހުއްޓެވެ. މިގޮތުން މީހެއްގެ ޕާސަނާލިޓީ ވަކި ގޮތަކަށް ބައްްޓަންވުމުގެ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. މިކަންތަކަށް ކިޔަނީ "ޕާސަނާލިޓީ ތިއަރީސް"އެވެ. ދިރާސާތަކުގެ އަލީގައި ނަފްސާނީ މާހިރުން ޕާސަނާލިޓީ މީހެއްގެ ކިބައިގައި އަށަގަންނަ ގޮތާއި އެބަދަލުވާގޮތް އަދި ޕާސަނާލިޓީ އުފެދި ރޭވި އެތުރިންގެން ދިއުމަށް ދިމާވާ ސަބަބުތަކާއި ބެހޭގޮތުން ހޯދުންތައް ހޯދާލިޔެވިފައި އެބަހުއްޓެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ ތިއަރީތައް ތިރީގައި އެވަނީ އެވެ.

ޕާސަނާލިޓީ ތިއަރީސް

ބައޮލޮޖިކަލް ތިއަރީ: މިތިއަރީ ބުނާ ގޮތުން އަހަރެމެންގެ ޖީންތައް، މައިންބަފައިން، އާއިލާގެ ފަރާތުން ލޭގެ ގުޅުމުން ވާރުތަކުރާ ކުރުންތަކެއް މީހުންގެ ޕާސަނާލިޓީގެ ސިފަތައް އަށަގަތުމުގައި ދައުރެއް އަދާކުރެއެވެ. މައިންބަފައިންގެ ބައެއް ގޮތްތަކާއި ސިފަތައް ކުދިންގެ ކިބައިން ފެނުމަކީ މީގެ މިސާލެކެވެ.

ބިހޭވިއޮރަލް ތިއަރީ: މިތިއަރީ ބުނާގޮތުން ޕާސަނާލިޓީގެ ސިފަތައް އުފެދި މީހެއްގެ ކިބައިގައި އަށަގަތުމުގައި އެމީހަކު އުޅެ ބޮޑުވާ މާހައުލުގެ ދައުރުބޮޑެވެ. މިގޮތުން ކުޑައިރު ކުދިންގެ އަމަލުތަަކަށް މައިންބަފައިން ރިއެކްޓް ކުރާގޮތާއި ދަސްކޮށްދެވޭ އާދަތަކުގެ އަސަރު އެކުއްޖެއްގެ ޕާސަނާލިޓީއިން ފެނެއެވެ. މާހަލުގެ ތެރެއިން ތަފާތު ކަންކަމުން ތަފާތު ތަޖުރިބާތަކުން އަދި މީހުންގެ ކިބައިން އެކިސިފަތައް ކުދިންގެ ގައިގައި ހަަރުލާކަމަށް މިތިއަރީ ބުނެއެވެ.

ސައިކޯޑައިނަމިކް ތިއަރީ: މިތިއަރީގެ ފުރަތަމަ މޭސްތިރިއަކީ ސިގްމަންޑް ފުރޮއިޑްއެވެ. މިތިއަރީ ބުނާގޮތުން އިންސާނާ ބޮޑުވެ މޮޑުމީހެއްގެ ގޮތުގައި އަމަލުތައް ހުންނަގޮތާއި މިހާގެ ސިފަތަކަކީ ކުޑައިރު  އެމީހަކާ ދޭތެރޭކަންތައް ކުރެވޭ ގޮތެއްގެ މައްޗަށް ބިނާވާކަމެކެވެ. މީގެ ތެރޭގައި ކުއްޖާއާއި މަންމައާއި ދޭތެރޭގައި އޮންނަ ގުޅުމާއި ބޮޑުވެގެން ޒަވާޖީ ހަޔާތެއްގައި ގުޅުން ދެމެހެއްޓުމަށް ކުރުމަތިވާ ގޮންޖެހުންތަކާއިވެސް ގުޅުވާލައިފައިވެއެވެ. މީގެ އިތުރުން އަހަރެމެންނަށް ހަނދާނުގައި ނުހުންނަ ނުވަތަ "އަންކޮންޝިއަސް މައިންޑް"ގެ ދައުރެއް އޮންނަކަމަށް މިތިއަރީގައި ގަބޫލުކުރެވެއެވެ.

ހިއުމެނިސްޓް ތިއަރީ: މިތިއަރީގެ މައިގަނޑު އަސާސަކީ އެމީހެއްގެ އަމިއްލަ ނަފްސް އެމީހަކު ދެނެގަނެ އަމަލުތައް އަމިއްލައަށް ބައްޓަންކުރުމެވެ. މިކަން އެކަމަކު ބިނާވަނީ އެމީހެއްގެ އަމިއްލަ ތަޖުރިބާއަށްކަމަށް މިތިއަރީ ބުނެއެވެ.

ޓްރެއިޓް ޕާސަނާލިޓީ ތިއަރީ: މިތިއަރީ ބުނާގޮތުން މައިގަނޑު ބައެއް ސިފަތަކެއް ފާހަގަކުރެވިފައި ހުރެއެވެ. މީގެ ތެރެއިން ބައެއް ސިފަތައް އެކި ބައިތަކަށް ބެހެއެވެ. ކޮންމެ މީހެއްގެވެސް މައިގަނޑު ސިފަތަކުން ސިފަތަކެއް ލިބިގެންވެއެވެ. އެމީހާގެ ޕާސަނާލިޓީ އަދި އަމަލުތައް ބިނާވަނީ އެމީހަކަށް ލިބިގެންވާ މައިގަނޑު ސިފަތަކަށެވެ. އެކެއް އަނެކަކާ ތަފާތުކުރާ ސިފަތަކަކީ މިއީއެވެ. މިތިއަރީއަކީ ހުރިހާ ތިއަރީތަކުގެ ތެރެއިން އެންމެ ބޮޑަށް ގަބޫލުކުރެވޭއެއް ތިއަރީއެވެ. މި ތިއަރީގެ ތެރެއިން އެކި "ޓްރެއިޓް" ތިއަރީތައް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ގަބޫލުކުރެވޭ އަދި ބޭނުންކުރެވޭ އެއްޗަކީ "ފައިވް ފެކްޓާރ ތިއަރީ"އެވެ. މިތިއަރީ ތިރީގައި ހުލާސާކޮށްލެވިފައި ވާނެއެވެ.

ނަފްސާނީ އިލްމްފެށިގެން އައި ހިސާބުން ފެށިގެން މިހާހިސާބަށް އައި އިރު ގިނަ ތިއަރީތަކެއް މިކަމާއި ގުޅޭގޮތުން ފެންނަން ހުރިނަމަވެސް އެންމެފަހުގެ ހޯދުންތަކުން ގަބޫލުކުރެވޭގޮތުގައި މީގެއްގެ ޕާސަނާލިޓީގެ ސިފަތަކަށް އަސަރުކުރަނީ މީގެން ވަކިކަމެއްގެ ސަބަބަނުންނޫނެވެ. މިހުރިހާ ސަބަބެއް މެދުވެރިވެގެން އިންސާނާގެ ޕާސަނާލިޓީއެއް އުފެދިގެންދާއިރު މީހުން މައިގަނޑު 5 ބަޔަކަށް ބެހިގެން ދެއެެވެ. މީގެން މީހާއަކީ ކޮންކަހަލަ މީހެއްކަން ބުނެދެއެވެ.

 

އާތަޖުރިބާތަކަށް ސިކުނޑިއާއި ނަފްސް ހުޅުވާލައިވާ މީހުން. (އޯޕެންނެސް)

މިމީހުންނަކީ ކަންކަމާ ފުންކޮށް ވިސްނާ، ކަންތައްތައް ހޯދާ ބަލާ ބައެކެވެ. ކުޑަކުދިންގެ ތެރެއިން މިކުދިން ފާހަގަ ކުރެވޭނީ ވަރަށް ސުވާލުކުރާ ބައެއްގެ ގޮތިގައެވެ. މި މީހުންނަކީ އާ ކަންތައްތައް ދަސްކޮށް އީޖާދުކުރާ ބައެކެވެ. އާންމުގޮތެއްގައި މި މީހުންގއ ތެރެއިން ކިޔެވުމަށް މޮޅު މީހުން ފާހަގަ ކުރެވޭނޫ ވަރަށް ފަންނުވެރި ބައެއްގެ ގޮތުގައެވެ. މީގެ ތެރެއިން ކިޔެވުމަށް މާ މޮޅު ނޫން މީހުން ފާހަގަކުރެވެނީ ރޫ ޓިންއެއް ފޮލޯކުރާ ބައެއްގެ ގޮތުގައެވެ.

ކޮންޝިއެންޓިއަސްނެސް

މި ސިފަތައް ހުންނަ ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ވަރަށް ތަރުތީބުން ކަންކަން ކުރާ ޒިންމާދާރު ބައެކެވެ. މި މީހުންނަކީ ބަރޯސާވެވޭފަދަ ބައެކެވެ. މި މީހުންގެ ތެރެއިން ކިޔެވުމަށް މޮޅެތި މީހުންނަކީ ފަރުވާތެރިކަމާއިއެކު ބުރަ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެކްސްޓްރަވާރޝަން

މި ސިފަތަކުގެ ވެރިންނަކީ އެހެންމީހުންނާއި ގުޅޭ، ވަރަށް ބޮޑަށް މީހުންގެ ތެރޭގައި އުޅެން ބޭނުންވާ އަދި ގޮތެއްގައި ތިބޭ ބައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. މި މީހުންގެ ތެރެއިން ކިޔެވުމަށް ރަގަޅު މީހުންނަކީ އެހެންމީހުންނާއި ގުޅޭ މަޖާ ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭއިރު، ކިޔެވުމަށް މޮޅު ނޫން މީހުންނަކީ އެކަނި އުޅުމަށް ލޯބިކުރާ ނަމަވެސް ގޮތެއްގައި ތިބޭބައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

އެގްރީއަބްލްނެސް

މިސިފަތައް ހުންނަ މީހުންނަކީ މީހުންނާއި އަޅާލާ، މީހުންނާއިއެކު އުޅެން އެނގޭ ހިތްހެޔޮ ބައެކެވެ. މި މީހުންގެ ތެރެއިން ކިޔެވުމަށް ރަަގަޅު މީހުންނަކީވެސް ހިތްތިރި ބައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ނަމަވެސް މި މީހުންގެ ތެރެއިން ކިޔެވުމަށް ރަގަޅު ނޫން މީހުންނަކީ މީހުންނަށް ޝައްކުކުރުމުގެ ސިފަ ހުންނަ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ނިއުރޮޓިޒްމް

މިމީހުންނަކީ އާންމުކޮށް ވަރަށް އިމޯޝަނަލް މީހުންގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އެގޮތުން ހާސްވުމާއި، އަވަހަށް ދެރަވުން އަދި ރުޅިއައުންފަދަ ސިފަތައް މިމީހުންގެ ހުންނަކަމަށް ފާހަގަކުރެވެއެވެ. މި މީހުންގެ ތެރެއިން ކިޔެވުމަށް ރަގަޅު މީހުންނަކީ އަވަހަށް ހާސްވެ އިހުސާސްތައް އަވަހަށް ބަންޑުންވާ ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭއިރު ކިޔެވުމަށް ރަގަޅު ނޫން މީހުންނަށް އިހްސާސްތައް ކޮންޓްރޯލްކުރަން ފަސޭހަކަމަށް ފާހަގަކުރެވެއެވެ.

 

ނޯޓް: މިއީ މައިގަނޑު 5 ވައްތަރުގެ ޕާސަނާލިޓީއަށްވީ ނަމަވެސް، މީހެއްގައި މީގެން އެއް ގްރޫޕަކަަށްވުރެ ގިން ގްރޫޕުގެ ސިފަތައް ހުރެދާނެއެވެ. ނުވަތަ އެގްރޫޕެއްގެ ހުރިހާ ސިފައެއްނެތި ސްޕެކްޓްރަމްއަކަށް ފެތޭ ބަޔަކަށްވެސް ވެދާނެއެވެ.

ޕާސަނާލިޓީ ދެނެ ގަތުމުގެ މުހިންމުކަމަކީ ކޮބާ؟

ޕާސަނާލިޓީއަކީ އަހަރެމެންގެ ޝަހުސިއްޔަތުގެ އަސާސެވެ. ކޮންމެ މީހެއްގެ ޕާސަނާލިޓީގެވެސް ރަގަޅުކަންތައްތަކާއި ބަލިކަށި ކަންތައްތަކެއް ހުރެއެވެ. މިސާލަކަށް "ނިއުރޮޓިޒަަމް"ގެ ސިފަތައް ބޮޑަށް ހުންނަ މީހުންނަކީ "ސްޓްރެސްފުލް" ކަންތަކުގައި ނުވަތަ ވަޒީފާތަކުގައި ގިނަ ދުވަހު އުޅެން ޖެހުމުގެ ސަބަބުން "ޑިޕްރެޝަން"، "އެންޒައިޓީ" ފަދަ  ބަލިތަކަށް ހުށައުޅުމުގެ ފުރުސަތު ބޮޑުބައެކެވެ. އެހެންކަމުން މިފަދަ މީހުން އަމިއްލައަށް މިކަންދެނެގަނެ ތަންކޮޅެއް "ސްޓްރެސް" ކުޑަ ވަޒީފާއެއް ހޯދިދާނެއެވެ. ހަމަ މިގޮތައް "އެގްރީއެބަލްނެސް" ގްރޫޕުގެ ސިފަތައް ހުންނަ ނުވަތަ އެއާ ގާތްކުރާގޮތް ހުންނަ ކިޔެވުމަށް ރަގަޅު މީހުންނަކީ ނަރުސްކަންފަދަ ނުވަތަ މީހުންނަށް އެހީތެރިކަން ދެވޭފަދަ ވަޒީފާތަކަށް ކުރމަތިލުން ރަގަޅު ބައެކެވެ.

އެހެންކަމުން ކުދިން ބޮޑެތިވަމުން އަންނަ އިރުވެސް މައިން ބަފައިންނަށް އެކުދިންގެ މިދެންނެވި ސިފަތައް ދެނެގަނެ އެކުއްޖެއްގެ ޕާސަނާލިޓީގެ "ސްޓެންގތް" ތަކަށް ވިސްނައިގެން އެކުދިންގެ ކުރިމަގު ބައްޓަން ކުރުމަށް އެހީތެރިވެ ދެވިދާނެއެވެ. އެމީހެއްގެ ޕާސަނާލިޓީއާއި ގުޅޭ ކަންތައްތަކާއި ކުރިމަތިލުމުން އެކަމުގައި ކާމިޔާބުވެ ދެމިހުންނަން ފަސޭހަވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ހުރިހާކަމަކީ އެންމެންގެ "ބްލޫޕްރިންޓަށް" އެންމެ އެކަށޭނަ ކަންކަމެއް ނޫނެވެ. އެކިމީހުން އެކިކަންކަމަށް ކުޅަދާނަވެ ގަޔާވަނީވެސް މިހެންވެގެންނެވެ.

ޚުލާސާ ނިންމުން:

ޕާސަނާލިޓީއަކީ އާންމުގޮތެއްގައި މީހަކު ފުރާފުރިހަމަވުމަށްފަހު އެމީހެއްްގެ ކިބައިގައި ހުންނަ ސިފަތަކާއި އާދަތަކެވެ. ދިވެހި ބަހުން ބުނެ އުޅޭހެން ކަށީގައި ހިފާފައި ހުންނަ ކަންތައްތަކެވެ. ކަށީގައި ހިފާ މި ސިފަތަކަށް ބާރުފޯރުވާ ކަންތައްތަކުގެ ތެރޭގައި ޖެނެޓިކްސް  ނުވަތަ އިންބަފައިންގެ ކިބައިން ވާރުތަކުރާގޮތްތަކާއި، މައިންބަފައިންނާއި އޮންނަ ގުޅުން، އާއިލީ ހަމަޖެހުމާއި ލޯބި، އުޅެބޮޑުވާ މާހައުލު، ފެންނަ މަންޒަރުތަކާއި، އެކި އުމުރުގައި ތަޖުރިބާކުރާއެކި ތަޖުރިބާތަކާއި އެކުގައިއުޅޭ ރައްޓެހިން ހިމެނެއެވެ. މިއީ އާލުގަނޑުމެންގެ ދީންވެސް ބުނެދޭވާހަކައެކެވެ. ކުއްޖަކުބޮޑުވެ ފުރާފުރިހަމަވުމާ ހަމައަށް އެކަމަށް ފާރަވެރިވެ ވަރުގަދަ ރަގަޅު ސިފަތަކެއް އަށަގެންނެވުމުގެ ބޮޑު ރޯލެއް މައިންބަފައިންނާއި، މުޖުތަމައުއަށް އޮވެއެވެ. ޕާސަނާލިޓީ މުހިންމުވަނީ އޭގެ މައްޗަށް އަހަރެމެންގެ އިހުސާސްތަކާއި، ވިސްނުމާއި، އަމަލުތަކާއި ދޭދޭ ގުޅުންތައް ބިނާވާތީއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާތީއެވެ. ތަފާތު ސަބަބުތަކާއި ހެދި ބަލިމަޑުކަންތަކާއި ނުވަތަ  "ޕާސަނާލިޓީ ޑިސްއޯޑާރސް"އާއި ކުރިމަތިލާންޖެހޭ ހާލަތްތައްވެސް އާދެއެވެ. މިއީ ނަފްސާނީބަލިތަކުގެ ތެރެއިން ފަރުވާ އުދަގޫ އަދި އޭގެ ސަބަބުން އެބަލިމީހާގެ ވަށައިގެން އުޅޭ އެތައް ބަޔަކަށް އަސަރުކުރުވާ ބަލިތަކެެއް ގޮތުގައި ފާހަގަ ކުރެވެއެވެ. މިބަލިތަކަށް އެހެންލިޔުމެއްގައި އަލި އަޅުވާލާނަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *