އއ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި، އެ ރަށުގައި ސަރުކާރުން ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ޑރ މުއިއްޒު ވަނީ ފެނާ ނަރުދަމާގެ މަސައްކަތާ ގުޅޭ ބިނާގެ ފަރުދާ ކައްސަވާލައްވާފައެވެ.
މި ރަސް މިއްޔާތު އޮތީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، .އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާފައިވެއެވެ. ހަމައެއާއެކު ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ޚިދުމަތް ވަނީ ގުޅާފަވެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކޮށް، 956 މީޓަރގެ ޕަންޕިން ލައިނެއް އަޅާފައިވެއެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.