ތަޔައްމުމުގެ ޝަރުޠުތައް އަދި ތަޔައްމުމުކުރުން ހުއްދަވާ ސަބަބުތައް

ފެނުގެ އިސްތިޢުމާލުކުރުމަށް ނުކުޅެދުންތެރި ވެއްޖެނަމަ ތަޔައްމުމުކުރުން ހުއްދަވެގެންވެއެވެ. ފެން ނެތުމުގެ ސަބަބުންނެވެ. ނޫނީ ބައްޔެއްގެ ސަބަބުން ނުވަތަ ފިނިގަދަވުމުގެ ސަބަބުން، ހަށިގަނޑުގައި ފެންޖައްސައިފިނަމަ ގެއްލުމެއް ލިބިދާނެކަމަށް ބިރުގަންނަނަމައެވެ. އެއީ ޢިމްރާން ބިން ޙުޞައިނުގެ ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. (( عَلَيْكَ بِالصَّيْدِ الطَّيِّبِ فَإِنَّهُ يَكْفِيْكَ)) [رواه البخاري برقم 244 ومسلم برقم 672]މާނައީ: “ތިބާއަށް ވަނީ ޠާހިރު ވެއްޔެވެ. ފަހެ ހަމަކަށަވަރުން އެ ތިބާއަށް ފުދެއެވެ.”

ތަޔައްމުމުކުރުން ތިރީގައިމިވާ ޝަރުޠުތަކާއެކު ޞައްޙަވެގެންވެއެވެ.

1- ނިޔަތް: އެއީ ނަމާދު ހުއްދަކުރުމުގެ ނިޔަތެވެ. ހުރިހާ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ތަޔައްމުމުކުރުމަކީ އަޅުކަމެކެވެ.

2- އިސްލާމަކު ކަމުގައިވުން: ކާފިރުމީހާގެ ކިބައިން ތަޔައްމުމު ޤަބޫލުވެވިގެން ނުވެއެވެ. އެހެނީ އެއީ އަޅުކަމެކެވެ.

3- ބުއްދިހުރުން: ބުއްދި ނެތް މީހާ، މޮޔަމީހާ، އަދި ހޭނެތިފައިވާ މީހާގެ ކިބައިން ތަޔައްމުމު ޞައްޙަވެގެންނުވެއެވެ.

4- ތަންދޮރު ދަތުން: ތަންދޮރު ނޭނގޭ ކުޑަކުއްޖާގެ ކިބައިން ތަޔައްމުމު ޞައްޙަވެގެންނުވެއެވެ. އެއީ ޢުމުރުން ހަތްއަހަރު ހަމަނުވާ ކުދިންނެވެ.

5- ފެން ބޭނުންކުރުމުން ޢުޛުރުވެރިވުން: އެއީ

* ފެންނެތުމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا ﴾ [المائدة٦]މާނައީ : “ފަހެ، ފެންނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ”. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّ الصَّيْدَ الطَّيِّبَ طَهُورُ الْـمُسْلِمِ وَإِنْ لَمْ يَجِدِ الْـمَاءَ عَشَرَ سِنِيْنَ، فَإِذَا وَجَدَ الْـمَـاءَ فَلْيُمِسَّهُ بَشَرَتَهُ فَإِنَّ ذَلِكَ خَيْرٌ)) [رواه الترمذي وصححه برقم124 وصححه الألباني في الإرواء برقم 153 ] މާނައީ: “ހަމަކަށަވަރުން ޠާހިރު ވެއްޔަކީ މުސްލިމާގެ ޠާހިރުކަން ލިބިގަންނަ އެއްޗެކެވެ. އެއީ ދިހައަހަރުވަންދެން އޭނާއަށް ފެން ނުލިބުނުކަމުގައިވިޔަސްމެއެވެ. ދެން އޭނާއަށް ފެން ލިބުމުން ފަހެ އޭނާގެ ހަށިގަނޑުގައި އެފެން ޖައްސާހުށިކަމެވެ.ފަހެ ހަމަކަށަވަރުން އެކަން އޭނާއަށް ހެޔޮވެގެންވެއެވެ.”

* ނުވަތަ އެ ފެން އިސްތިޢުމާލުކުރުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ބިރުގަންނަނަމެވެ. އެއީ ފެން އިސްތިޢުމާލު ކުރުމުގެ ސަބަބުން ބަލި ބޮޑުވެދާނެކަމަށް ނުވަތަ ބަލި ފަސޭހަވުން ލަސްވެދާނެކަމަށް ޤަބޫލުކުރެވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅުގެ ސަބަބުންނެވެ. ﴿ وَإِن كُنتُم مَّرْ‌ضَىٰ ﴾ [المائدة٦]މާނައީ : “އަދިތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ” އެވެ. އަދި ބޯފަޅައިގެންދިޔަ މީހާގެ ޙަދީޘުގައިވާ ފަދައިންނެވެ. އެ ޙަދީޘުގައިވެއެވެ. ((قَتَلُوهُ قَتَلَهُمُ اللهُ، هَلَّا سَأَلُوا إِذَا لَمْ يَعْلَمُوا إِنَّمَا شِفَاءُ الْعِيِّ السُّؤَالُ)) [أخرجه أبوداود برقم(337) وابن ماجة برقم (572) وصححه الشيخ أحمد شاكر (حواشي المسند 5/22-23) وحسنه الألباني (صحيح ابن ماجة رقم 464)]މާނައީ: “އެބައިމީހުން އޭނާ މަރާލީއެވެ. ﷲ ތަޢާލާއެބައިމީހުން ޤަތުލުކުރައްވާށިއެވެ. އެބައިމީހުންނަށް ނޭނގޭޙާލު އެބައިމީހުން ސުވާލުނުކުރީ ކީއްވެހެއްޔެވެ. ފަހެ ހަމަކަށަވަރުން ޖާހިލުކަމުގެ ފަރުވާއަކީ ސުވާލުކޮށް އޮޅުންފިލުވުމެވެ.”

* ނުވަތަ ފިނި ގަދަވުމުގެ ސަބަބުން އެކަމާއެކު ފެން އިސްތިޢުމާލުކުރުމުން ގެއްލުންވެދާނެ ކަމުގެ ބިރުހީވެ، ނުވަތަ މަރުވެދާނެކަމުގެ ބިރުގަންނަނަމައެވެ އެއީ ޢަމްރޫ ބުނުލް ޢާޞްގެ ޙަދީޘުގެ ސަބަބުންނެވެ. ޛާތުއް ސަލާސިލް ހަނގުރާމައަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމްރޫ ފޮނުއްވިއެވެ. ޢަމްރޫ ވިދާޅުވިއެވެ. اِحْتَلَمْتُ فِي لَيْلَةٍ بَارِدَةٍ شَدِيدَةٍ الْبَرْدِ، فَأَشْفَقْتُ إِنْ اغْتَسَلْتُ أَنْ أَهْلِكَ فَتَيَمَّمْتُ، وَصَلَّيْتُ بِأَصْحَابِي صَلَاةَ الصُّبْحِ [ رَوَاهُ أَحْمَدُ(4/203) وَأَبُو دَاوُد برقم (334) وَالدَّارَقُطْنِيّ وصححه الألباني (الإرواء برقم 154) ] މާނައީ: “ވަރަށް ފިނިކަންގަދަ ރެއެއްގައި އަހުރެން އިޙުތިލާމުވެއްޖެއެވެ. އަދި އަހުރެން ފެނުން ހިނައިގެންފިނަމަ އަހުރެން މަރުވެދާނޭކަމަށް އަހުރެން ބިރުގެންފީމެވެ. ދެން އަހުރެން ތަޔައްމުމުކޮށްގެން ލަޝްކަރައިގެން ފަތިސްނަމާދުކޮށްފީމެވެ.”

5- ވެލި ހުރިނަމަ ވެލި ބޭނުންކޮށްގެން ތަޔައްމުމުކުރުން: އެއީ ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައިވާތީއެވެ. ﴿ فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ﴾ [المائدة٦]މާނައީ : “ފަހެ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ. ފަހެ،ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ”

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “الصَّعِيْدُއަކީ ވެއްޔެވެ الطَّيِّبُ ގެ މާނައަކީ ޠާހިރުއެވެ.”

ވެލި ލިބެން ނެތްނަމަ، ކުދި ހިލަ ނުވަތަ ބޮޑެތި ހިލަ ލިބެންހުރިނަމަ އޭގެން ތަޔައްމުމުކުރާނީއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ [التغابن 16]މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ.” މި ބަސްފުޅަށް ޢަމަލު ކުރުމުގެ ގޮތުންނެވެ. އަލްއައުޒާޢީ ވިދާޅުވިއެވެ. “ހިލަ ހިމެނެނީ ވެލީގެ ތެރެއިންނެވެ.”

(ނުނިމޭ)

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *