ތ. ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކޮޅުމަޑުލުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 50291 ކިއުބިކު މީޓަރުގެ ސަރަހައްދެން ފުންކުރުމާއި، 330 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 262 މީޓަރުގެ ބޭރު ތޮށި ލުމާއި، 504 މީޓަރުގެ ރިވެޓެމެންޓް ޖެހުމާއި، 100 މީޓަރުގެ ގްރޮއިން ޖެހުމާއި، 1580 މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 540 ދުވަހުތެރޭ މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 94.27 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.