ތ. ގުރައިދޫގައި ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައި ގިނަ ވައުދުތަކެއް!

ކޮޅުމަޑުލު ގުރައިދޫގައި ގާއިމުކޮށްފައިވ ޑީކޮމްޕެރިޝަން ޗެމްބާގެ ހިދުމަތް ފައްޓަވައިދެއްވައި އެ ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅ އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

ގުރައިދޫގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަަތް ފެށީ މިއަދު ވަކިވަކިން އެ ރަށުުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައެވެ. އެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ، ތ.އަތޮޅުގެ މީހުން ދިރުއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި އެ ރަށުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ގުރައިދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ބިންގާ ވެސް އަޅުއްވައިދެއްވިއެވެ. މިމަސައްކަަތް ހަވާލުކޮށްފައިވަނީ ވެމްކޯއާއެވެ.

މީގެއިތުރުން އެރަށުގައި ޤާއިމްކުރި ޑީކޮމްޕްރެޝަން ޗެމްބަރ ވެސް މިއަދު ވަނީ ހުޅުއްވައިދެއްވާފައެވެ. މިއީ ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާއިން އޮޕަރޭޓުކުރާ ޗެމްބަރއެކެވެ. މި ޗެމްބަރު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ އިތުރު ސަރަހައްދުތަކުގައި މި ހިދުމަތް ސަރުކާރުން ފައްޓަވާނެ ކަމަށެވެ. 

މީގެއިތުރުން ރައީސް ވަނީ ގުރައިދޫގައި އެޅުމައް ހަމަޖެހިފައިވާ އެއާރޕޯޓްގެ މަޝްރޫޢުވެސް އިފްތިތާހުކޮށްދެއްވާފައެވެ. ރައީސް ވިދާޅުވީ، ގުރައިދޫ އެއަރޕޯޓު، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށާއި، އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭކަމަށެވެ.

ގުރައިދޫގައި އެއަރޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ރަހުނަކާ ނުލައި، ތިން މިލިޔަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާ ލޯން ސްކީމް، ބޭންކް އޮފް މޯލްޑިވްސް އިން ދާދި އަވަހަށް ހުޅުވާލައްވާނޭކަމަށެވެ. އަދި ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް، އަންނަ އަހަރު ގުރައިދޫގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

ރަށަށް އަމާޒުކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރޭގައި، އެ އަތޮޅު ގާދިއްފުށީގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުގައި ހިމެނިގެން، ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފައްޓަވައި، އާ ދިރާސީ އަހަރަށް މަސައްކަތް ނިންމަވައިދެއްވާނޭ ކަމަށާއި، މި އަހަރުގެ ތެރޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ގުރައިދޫގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *