ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް އެމެރިކާ ސަރުކާރުން އެމްއެންޑީއެފް އަށް ހަދިޔާކުރައްވައިފި

ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް އެމެރިކާ ސަރުކާރުން އެމްއެންޑީއެފް އަށް ހަދިޔާކުރައްވައިފި އެވެ.

ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮންއެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަރސަނަލް ގިޔަރގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ.

އެމެރިކާއިން ހަދިޔާކުރި އިކުއިޕްމަންޓުގެ ސަބަބުން، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އެމްއެންޑީއެފް އިން  ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮން ވަނީ، ދެ ޤައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމެރިކާގެ، އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *