ބައްސާމް 4 އަހަރަށް ޖަލަށް ލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 4 އަހަރަށް ޖަލަށްލުމުށް ކްރިމިނަލްކޯޓުން ހުކުމް ކޮށްފިއެވެ.

އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 9،999 ޑޮލަރު ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަމަށް، މައްސަލައިގެ ލިޔެކިޔުންތަކުންނާއި، ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.

ނަމަވެސް އެ ފައިސާއަކީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ބައްސާމަށް ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އެ 9،999 ޑޮލަރަކީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން އެނގޭ ކަމަށެވެ.

އެގޮތުން ބައްސާމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށްފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިނަމަވެސް އެ އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީ އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް އެދޭ ކަމަށެވެ.

ބައްސާމަކީ ކުށުގެ ރެކޯޑެއް މީގެ ކުރިން ނެތް ފަރާތަކަށްވުމުން ބައްސާމުގެ ވަކީލު އެދިވަޑައިގަތީ އެކުށުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ އެއް ދަރަޖަ ދަށް ކުރުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ފައިސާ އަނބުރާ ދައްކާފައި ނުވާތީއާއި، ރާއްޖޭގެ ފްޓްބޯޅަ ކުރިއެރުވުމަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުން ކޮށްފައިވާތީ ދައުލަތުން އެދުނު ގޮތަށް އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ނިންމަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *