ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލީހުގައި މި ނަންތައް ފާސްކުރީ މި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރުމާ ގުޅިގެންނެވެ.
އިންޓަގްރެޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ:
އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން،
އަލްއުސްތާޛް ޝިފާޒް އަލީ،
އަލީ މުޙައްމަދު މަނިކު،
ފާތިމަތު ޝަރީފް އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ހަތަރު ބޭފުޅުންނަށްވެސް ވަނީ %75 އަށްވުރެ މަތިން މާކްސް ދެއްވާފައެވެ. އެހެންކަމުން އެ ބޭފުޅުން އެންއައިސީއަށް އައްޔަން ކުރަން ފެންނަ ކަމަށް އެ ކޮމިޓީން ވަނީ ނިންމަވާފައެވެ. ކޮމިޓީ ރިޕޯޓަށް ރިއާޔަތްކުރައްވައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ހަތަރު ބޭފުޅުންނަށްވެސް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ހުށަހެޅުއްވީ އެ ކޮމިޝަންގެ 4 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހަށް ހަމަވާތީއެވެ. އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ނަންތައް ފޮނުއްވީ އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލި ފަރާތްތަކުގެ ތެރެއިންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.