ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިފެހެއްޓި ފައިސާއިން 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި ހިމެނެނީ މީގެކުރިންވެސް ހިޔާނާތުގެ މައްސަލައިގައި އިދާރީ ފިޔަވަޅު އަޅާފައިވާ 2 ފުލުހުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއިން 30 ހާސް ޑޮލަރު މަދުކަން އެނގުމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީއައިސީ) އިން މިއަހަރުގެ އޮގަސްޓްމަހު ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. މައުމާތުލިބިފައިވާ ގޮތުގައި މި ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރަނީ މީގެކުރިން ފުލުހުންގެ ވެލްފެއަރ ފައިސާއަށް ހިޔާނާތްތެރިވެ އިދާރީ ފިޔަވަޅު އަޅާފައިވާ ދެ ފުލުހުންގެ މައްޗަށެވެ. ފުލުހުންގެ ވެލްފެއަރފައިސާއަށް ހިޔާޔާތްތެރިވި މައްސަލައިގައި އިދާރީ ފިޔަވަޅެއްގެ ގޮތުން އެދެފުލުހުން އޭރު މަސައްކަތްކުރި ޑިޕާޓްމެންޓުން އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރިއެވެ.
ފުލުހުން ބުނީ 15 ސެޕްޓެމްބަރު 2019 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިފެހެއްޓި އެ ފައިސާ މަދުކަން އެނގުނީ ކްރިމިނަލް ކޯޓުން އެ ފައިސާ ހަވާލުކުރަން އެންގުމުން ކަމަށެވެ.
"2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި، ނަގާފައިހުރި ފައިސާ، މައްސަލަ ނިމި، ކޯޓުން ހަވާލުކުރަން އެންގުމުން، އެފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު، ފައިސާ ބަލަހައްޓާފައިވާ ގޮތުން، އަދަދު ދިމާނުވުމުގެ މައްސަލައެއް ފާހަގަ ކުރެވިގެން، އެކަން ޕީއެސްސީ އަށް އެންގުމުން، އެފަރާތުގެ އެދުމަކަށް ސީއައިސީ އިން އެކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަން އަދި ސާފެއް ނުވެއެވެ.