މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އވެ.
އެމްއެންޑީއެފްގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަދި އެ ބޯޓުން ދަތުރުކުރަމުންދިޔަ 5 ފަޅުވެރިން ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުތުރުކުރަމުންދިޔަ "އަލްމާކް-ފިޔަ" ކިޔާ ލޭންޑިންގ ކްރާފްޓް ބަންޑުންޖާހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން 2 މީހަކު އަދިވެސް ފެނިފައިނުވާއިރު އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގާފައިވާކަމަށް އެމްއެންޑީއއެފް އިން ވަނީ ބުނެފައެވެ.