ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު 3 މީހުންގެ ތެރެއިން 2 ވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު 3 މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. މީގެ ކުރިން މިއަދުގެ ހެނދުނު ވަގުތެއްގައި ގެއްލުނު މީހުންގެ ތެރެއިން ފުރަތަމަ މީހާގެ ހަށިގަނޑުވެސް ސިފައިން ވަނީ ހޯދާފައެވެ. އެމީހާގެ ހަށިގަނޑުވެސް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކަނޑުގެ އަޑިންނެވެ.
މީގެ އިތުރުން މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދަނިކޮށް ދިޔަވާން ފެށި "ނަސްރު" ބޯޓު މިހާރު ވަނީ އަޑިއަށްގޮސްފައިވާކަމަށާއި، އެ ބޯޓުން ދަތުރުކުރި 5 ފަޅުވެރިން މިހާރު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ޅ.ނައިފަރަށް ގެންގޮސްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.