މޫސުން ވަރަށް ގޯސް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: އެމްއެންޑީއެފް

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރާކަމަށެވެ.
"ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އިލްތިމާސްކުރަމެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ." އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުތެރޭ ވަނީ ހިތާމަވެރި 2 ހާދިސާއެއް ހިނގާ ދެ މީހެއްގެ ފުރާނަ ގެއްލި އެކަކު ވީނުވީއެއް ނޭންގި ގެއްލިފައެވެ. މީގެތެރެއިން 1 ހާދިސާއަކީ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާއެކެވެ. ރޭ މެންދަމު ހިނގި މިހާދިސާގައި ތިން މީހުން ގެއްލުނެވެ. 2 މީހެއްގެ ފުރާނަނެތް ހަށިގަނޑު ކޯސްޓްގާރޑުން ހޯދާފައިވާއިރު އަނެއް މީހާ ހޯދުމުގެ މަސައްކަތް ސިފައިން ގެންދަނީ ކުރަމުންނެވެ.
މިއަދު ހިނގި އަނެއް ހާދިސާއަކީ މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރަމުންދިޔަ ނޭކުރެންދޫ މުދާއުފުލާ ބޯޓެއް ކަމަށްވާ "ނަސްރު ބޯޓު" މުދަލާއެކު ކާށިދޫ ކަނޑަށް އަޑިއަށް ދިއުމެވެ. މިހާދިސާގައި ބޯޓުން ދަތުރު ކުރި 5 މީހުން ކޯސްޓްގާރޑުން ވަނީ ސަލާމަތްކޮށްފައެވެ.
ބޯޓު އަޑިއަށްދޮޔަ ސަރަހައްދު

ނަސްރު ބޯޓު އަޑިއަށް ގޮސް ބައެއް ތަކެތި އޮޔާދާތީވެ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ކޯސްޓްގާރޑުން ވަނީ އިލްތިމާސްކޮށްފައެވެ. މި ބޯޓު އަޑިއަށްދިޔައީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ބޭރަށެވެ. މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ވާގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *