އދ. ގެ ޓޫރިޒަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މޯލްޑިވްސް ައެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިހާބުކޮށްފި އެވެ.
މަޓީ އިން ވާދަކުރީ އދ. ގެ ޓޫރިޒަމާ ބެހޭ ޖަމްއިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެ ބޯޑުގައި ކަނޑައަޅާފައިވާ ދެ ޖާގައިގެ ތެރެއިން ޖާގައަކަށެވެ. އެހެންކަމުން މަޓީ އެ ޖަމްއިއްޔާގެ ބޯޑަށް ހޮވުމާ ގުޅިގެން އެ ބޯޑުގައި މަޓީ ތަމްސީލު ކުރައްވާނީ މަޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައްސަދު އަލީ އެވެ.
މި ކަމާ ގުޅިގެން 2026 އިން 2029 ގެ ދައުރަށް މަޓީ އެ ޖަމްއިއްޔާގެ ބޯޑު ތަމްސީލް ކުރާއިރު ރާއްޖެ އިން އެ ޖަމްއިއްޔާ ތަމްސީލް ކުރާ ފުރަތަމަ ބޯޑު ބައްދަލުވުން އޮންނާނީ އަންނަ މަހު 11 ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން މާއި، އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުން ވެސް ހިމެނެ އެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ 6 ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ.
advertisment
advertisment