އެކްޒީމާއަކީ އެބައްޔެއްގެ އުދަގުލާއިވޭން އެތައް ކުޑަކުދިންނެއް އުފުލާބައްޔެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، %10 އަށްވުރެ ގިނަކުޑަކުދިން ދުނިޔޭގައި މިބަލިތަހައްމަލު ކުރަމުންދެއެވެ. މިބައްޔަކީ އޭގެ ސަބަބުން ކުުއްޖާގެ އާންމު ދިރިއުޅުމަށް ހާއްސަގޮތެއްގައި އެކަމުގެ ސަބަބުން ކެއުމާއި ނިދުންފަދަ ކަންކަމަށް އުދަގޫވެ މައިންބަފައިންނަށްވެސް އެތަކެއް ހިތާމައަކާއި އުދަގުލެއް ކުރިމަތިކުރުވާ ބައްޔެކެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާއަށާއި މައިންބަފައިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެތަކެއް ކަންތައްތަކެއް ތަހައްމަލު ކުރަންޖެހެއެވެ.
މިފަދަ އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ޑރ. ޝިރާނީ ލިޔުއްވާއިވާ ފޮތް "ހަޔާތުގެ ސަފްހާތަކުން ބާބެއް : އެކްޒީމާގެ ދަތުރު" ވަނީ މިއަދު ރަސްމީކޮށް ޕަބްލިޝްކޮށްފައެވެ. މިފޮތަކީ އެކްޒީމާ، މިބަލި ތަހައްމަލުކުރާ ކުދިން އަދި އެފަދަކުދިންގެ މައިންބަފައިންނާއި އާއިލާތަކަށް ހާއްސަކޮށް ނެރުއްވާފައިވާ ފޮތެކެވެ. މިބަލީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް މިފަދަ އެހެން އާއިލާތަކަށް މިއާއިލާގެ ތަޖުރިބާއިންނާއި އަދި މިބަލި ތަހައްމަލުކުރާ އެހެން އާއިލާތަކުގެ ތަޖުރިބާއިން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޓަކައެވެ. މީގެއިތުރުން އެކަން ތަހައްމަލުކުރާ ފަރާތްތަކުގެ ހިތްވަރުން އެހެން ބަޔަކަށް ހިތްވަރު ފޯރުކޮށްދިނުމެވެ. މިފޮތް ނެރެދެއްވީ ޑރ. ޝިރާނީގެ މައްމައާއި ބައްޕައެވެ.
"އަޅުގަނޑުގެ އަތުން ލިޔެ މިގޮތަށް ނެރުނު ފުރަތަމަ ފޮތް ނެރެދިނުމަށް މަންމައާއި ބައްޕައަށްވުރެ ވަކި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ތިބި ކަމަކަށް ގަބޫލެއް ނުކުރަން" ޑރ. ޝިރާނީ ވިދާޅުވެއެވެ.

"މިފޮތް 25 އޮކްޓޯބަރުގައި ރަސްމީކޮަށް މިނެރުނީ މިއީ އަޅުގަނޑުގެ ދަރިފުޅުގެ އުފަންދުވަހުގެ މުނާސަބަތުގައި، ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާ. ފޮތެއްނެރުމުގެ ހުވަފެނަކީ އަޅުގަނޑު 13 އަހަރުގައި ދެކެން ފެށި ހުވަފެނެއް. އުމުރުން 25 އަހަރުން ފެށިގެން އަމިއްލަ ބްލޮގްގައި ލިޔުމުގެ އިތުރުން އެކި ނޫސްތަކުގައި އެކިކަހަލަ އާރޓިކަލްތައް ލިޔަމުންގޮސް ފޮތަކާހިސާބަށް މިއާދެވުނީ ވަރަށް މަސައްކަތުން. އެހެންކަމުން މިއަދު ދަރިފުޅަށް އަދި އެހެން ކުޑަކުދިންނަށް ބުނެލަދޭން ބޭނުންވަނީ ހުވަފެންދަކޭޭށޭ. ވަގުތާއި ހިތްވަަަރާއި، މަސައްކަތާއި އަދި ދުޢާއާއިއެކު ކޮންމެ ހުވަފެނަކީވެސް ކުލަޖެއްސިދާނެ ހުވަފެނެއްކަން މިފޮތުން ބުނެދޭން ބޭނުންވޭ. ހަމަ މިއާއިއެކު އެކްޒީމާ ހުންނަ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މިފޮތުން އެހީތަރިކަމެއް ލިބި، މިދަތުރުގައި އެމީހުން ތިބީ އެކަނި ނޫންކަން ބުނެދިނުމަކީ މިފޮތުގެ އެންމެ ބޮޑު މަގުސަދު." ޑރ. ޝިރާނީ ވިދާޅުވިއެވެ.
އަދި މިފޮތްނެރުމުގައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޑރ. ޝިރާނީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް އެކަމަނާގެ ފިރިކަލުންގެ ނަން ފާހަގަ ކުރެއްވިއެވެ.

މިފޮތް ޕްރިންޓް ކޮށްފައިވަނީ ދިވެހި އަދި އިނގިރޭސިބަހުން އެއްފޮތަކުން ފެންނަން ފެންނާނެ ގޮތަށެވެ. މި ފޮތް ރަސްމީކޮށް މިއަދު ޕަބްލިޝްކުރީ ޑރ. ޝިރާނީ މިހާރު ދިރިއުޅުއްވާ ބެލަރުސްގައެވެ. ރަސްމީ ޕަބްލިޝާއަކީ ސެގްމެންޓް.ބައިއެވެ. މިފޮތުގައި އެކްޒީމާއާއި ބެހޭގޮތުން ކުޑަކުދިންގެ ޙާއްސަ ޑރ. އަިމިނަތު އަބޫބަކުރު ހިއްސާކުރައްވާފައިވާ މައުލޫމާތު ހިމަނުއްވާފައިވެއެވެ. މީގެއިތުރުން ފޮތުގެ އެޕެންޑިސްގައި ކުޑަކުދިންނަށް ދިމާވާ ބަތްޔެއް ކަމުގައިވާ "ފެބްރައިލް ސީޒާސް" ނުވަތަ ހުންއައުމުން ފިޓްޖެހުމާއި ގުޅޭގޮތުން ޑރ. އާއިޝަތު ސޮފާ ދެއްވައިފައިވާ މައުލޫމާތުވެސް ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުން ހިމަނުއްވައިފައިވެއެވެ. މިފޮތުގެ ދިވެހި އެޑިޓް ދިވެހި މުދައްރިސް އަހްމަދު ޒަކަރިއްޔާ، އަދި އިނގިރޭސި އެޑިޓް އިނގިރޭސި ޓީޗަރު މުހައްމަދު ހުސެއިން ކުރައްވާފައިވާއިރު ލޭއައުޓް ހެއްދެވީ އަހްމަދު ރިލްވާނެވެ. އަދި ކަވާ ފޮޓޯނަންގަވައި ދެއްވީ ހައްމަދު މިހާޒެވެ.
މިފޮތުގެ ކޮޕީއެއް މިހާރު ކުޅުދުއްފުށީގެ ޕަބްލިކް ލައިބްރަރީއަށް ހަދިޔާކުރައްވާފައިވާއިރު، ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ މިފޮތް ޕްރީ އޯޑަރުކޮށް އަދި އާންމުންނަށް ގަންނަން ލިބޭނެއެވެ.
advertisment
advertisment