ސިނގިރޭޓު ކޮންޓޭނަރުތަކުގެ މައްސަލަ: އިތުރު 3 މީހުން ހައްޔަރުކޮށް، ދިގަލި ވަހީދު ޝަރީއަތް ނިމެންދެން ބަންދަށް!

ކަސްޓަމުން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދުއާއި އިތުރު ބަޔަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލާގައި ވަހީދާއި އިތުރު ވިޔަފާރިވެރިއަކާއި، ކަސްޓަމްސްގެ އޮފިސަރަކާއި އަދި އާއްމުންގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި އިތުރު 3 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)

2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)

3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)

މި މީހުންގެ ތެރެއިން އަހުމަދު ޝަމީމާއި ހުސައިން 7 ދުވަހަށް ބަންދުކުރުމަށް އަދި އަހުމަދު ފިރުޝާން 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރު ނެރެދެއްވާފައެވެ. މި 3 މީހުން ހިމެނޭގޮތަށް މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައިވާއިރު، އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑުވެސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *