ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން، ސަރުކާރުން ކަނޑައެޅި ވަކި ކުންފުނިތަކަކާ 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކުރުމުނ، އެކަމަކީ މާލީޔަތު ގާނޫނާ ހިލާފު ކަމެއްކަމަށްބުނެ އެކަން ބާތިލުކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޯޓަށް ދާން ނިންމައިފި އެވެ.
ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްކުރީ ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ 2.7 ބިލިއަން ރުފިޔާގެ އަގުހުރި 206 މަޝްރޫއު ހަވާލުކުރީ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެޕާޓީގެ ގައުމީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރާ ގުޅިގެންނެވެ.
ސަލީމް ހުށަހެޅި ގަރާރުފގައި ބުނެފައިވަނީ ސަރުކާރުން 200 އަށް ވުރެ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ "އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތި" ކަމަށާއި، ވާދަވެރި ބިޑަކަށް ހުޅުވާ ނުލައި، އެހާ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށާއި، އަދި ބީލަމަށް ނުލާ އެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ ސަރުކާރާ ގުޅުން ހުރި ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ބަޔަަކަށް ޕްރޮޖެކްޓް ނުލިބޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުންތައް ބާތިލުކުރުމަށް ސަރުކާރަށް އެ ގަރާރުގައި ގޮވާލުމުގެ އިތުރުން އެ މައްސަލަ ބަލަން ކަމާ ބެހޭ އިދާރާތަކަށް ގޮވާލުމާ އެކު އެ މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ މުއައްސަސާތަކުގެ މެންބަރުން ވަކިކޮށް ފިޔަވަޅު އަޅަން ވެސް ގަރާރުގައި ވަނީ ހިމަނާފައެވެ.
advertisment
advertisment