މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމު ފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މަހުގެ 22 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، އެރަށު އޮޑިހަރުގެއެއްގެ ތެރެއިން އެ ދެމީހުން ހުއްޓުވައި ބަލައި، ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން ކޮމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އަދި މި މަހުގެ 22 ވަނަ ދުވަހު އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި، ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި، ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.