"ގެވެށި އަނިޔާފަދަ މައްސަލަތައް ތަޙުޤީޤީ މަރުހަލާގައި ކުރިއަށްދިޔަ ނަމަވެސް ތަޙުޤީޤު ނިންމާ އިންސާފާއި ހަމައަށް ދަނީ %3 އިންސައްތަ މައްސަލަ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ޝޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އައިޝާ މިހެން ވިދާޅުވީ ފުލުހުންގެ 33 ވަނަ ތަމްރީން ޕްރޮގްރާމް ނިންމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޖެންޑަރ މިނިސްޓަރ އައިޝާ ވިދާޅުވީ މިއީ ކަންބޮޑުވާކަމެއް ކަމަށާއި މިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖެންޑަރގެ މަސައްކަތްތައް އަތޮޅުތަކުގެ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާއިރު، އެކަން ޙާސިލް ކުރުމުގައި ފުލުހުންގެ ނެއިބަރހުޑް ޕޮލިސްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަމަށެވެ.
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ޝޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ. ޚާއްސަކޮށް މުޖުތަމައުގެ ހަމަހަމަކަން ޤާއިމުކުރުމާއި، އިޖްތިމާޢީ އެކިއެކި ކުށްތައް މުޖުތަމަޢުން މަދުކުރުމަށް މިނިސްޓްރީއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.