ޝަންގްރިއްލާ ރިސޯޓު ބަންދުކުރި ފަހުން އެއްވެސް ފައިދާއެއް ނުވެ ގިނަ ދުވަސް ވަމުންދާއިރު، ރިސޯޓަށް ލިބޭ ގެއްލުމުގެ ބަދަލުގައި ނަގަން ޖެހޭ ލޯނުގައިވެސް ސަރުކާރުގެ ހިއްސާ އެބަ އޮތް ކަމަށާއި، އެލޯނަށް މިހާރުވެސް 68 މިލިއަން ޑޮލަރު ނުވަތަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަރުކާރަށް ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުމާއި ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ވިލިނގިލީގައި ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ހުޅުވާފައިވާ ރިސޯޓެއް ކަމަށެވެ. ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރިސޯޓު ހުޅުވުން ކަމަށާއި، މިހާތަނަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން އެރިސޯޓު ހުޅުވޭނެ ވަކި ތާރީޚެއް ސާފު ވެފައި ނެތް ކަމަށެވެ. އެއީ ރިސޯޓު ނުހުޅުވި ގިނަ ދުވަސް ވުމުން މަރާމާތުތަކެއް ކުރަން ޖެހުމުންނެވެ. މިއާއެކު ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ 30 އިންސައްތަ ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ޓުއަރިޒަމް ޤާނޫނަށް އިސްލާހު ގެނެސްގެން މަސައްކަތް ކުރެވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.