- ރާއްޖޭގެ ވެލިފުކެއްގެ ޒައްރެއްގެ މިންވަރުވެސް އެހެން ޤައުމަކަށް ދޭގޮތަށް މިހާތަނަށް އެއްވެސް ކަމެއް ސަރުކާރުން ނިންމަވާފައެއްވެސް އަދި އެއްވެސް އެއްޗެއްގައި ސޮއިކޮށްފައިވެސް ނުވާނެ.
އަވަށްޓެރި ދައުލަތްތަކާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އޭގެ ނިކަމެތިކަން ލިބޭނީ ދިވެހި ރައްޔިތުންނަށްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުން ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމުގެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ދިވެހި ޚާރިޖިއްޔާގެ އިސް ބޭފުޅުން ޙާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރޭގައި އެއްވެސް ނަސްލަކަށް އަދި ވަކި ޤައުމަކާ ދެކޮޅަށް ޙަރަކާތްތައް ނުހިންގުމަށް ވެފައިވާ އެއްބަސްވުން ހިމެނޭކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ކުރިއަށް ގެންދަންވާނެ ހަރަކާތެއް ނޫންކަމަށެވެ. އެފަދަ ހަރާކާތްތަކާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް ދެކޮޅުކަމަށް ޚަލީލް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ފަދަ ސަރަހައްދަކީ ބާރުގަދަ ޤައުމަކާއެކު އޮތް ގުޅުމަށް އަސަރުކުރާފަދަ ކަންކަން ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށެވެ. މި ބައްދަލުވުމުގައި ޚަލީލް ވަނީ ރާއްޖެއަށް ގެއްލުންވާނެފަދަ އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ވެލިފުކެއްގެ ޒައްރެއްގެ މިންވަރުވެސް އެހެން ޤައުމަކަށް ދޭގޮތަށް މިހާތަނަށް އެއްވެސް ކަމެއް ސަރުކާރުން ނިންމަވާފައެއްވެސް އަދި އެއްވެސް އެއްޗެއްގައި ސޮއިކޮށްފައިވެސް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް ކުޑަކުޑަ ވެލިފުކެއްގެ ޒައްރެއްވެސް އެއްވެސް ޤައުމަކަށް ދޭގޮތަށް އަޅުގަނޑުމެން އެއްވެސް ކޮންވެންޝަނެއްގައި ސޮއިކޮށްފައެއް ނުވާނެ. އަދި އިތުރަށް ހަމަ އަޅުގަނޑަކަށް އެއްވެސް ވަރަކަށް "ފޯސީއެއް" ނުކުރެވޭ، ގަބޫލުކުރަން ދަތި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ކޮށްފާނެކަމަކަށް." އަޙްމަދު ޚަލީލް ވިދާޅުވިއެވެ.