މުލަކަތޮޅު މުލީގައި އަޅާ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއީ ޕާކިސްތާން ސަރުކާރުގެ އެހީގައި ބިނާކުރާ ސެންޓަރެކެވެ. ދެ ޤަޢުމުގެ ގުޅުން ރަމްޒުކޮށްދޭ މި ސެންޓަރަށް ނަންދީފައިނީ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން-މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ"ގެ ނަމުންނެވެ.
ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުން ދައްކުވައިދޭ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޑްމިރަލް(ރިޓަޔަރޑް) އަތަރު މުޙްތާރުއާއި، މުލަކަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލްއެވެ.
ޕާކިންސްތާނު ސަރުކާރުގެ އެހީގައި މުލަކަތޮޅު މުލީގައި އިމާރާތްކުރާ ކޮމިއުނިޓީ ސެންޓަރު އެޅުމަށް އެޤައުމުންވަނީ ދެމިލިއަން ހަ ލައްކަ އެކާވީސްހާސް ހަތަރުސަތޭކަ ރުފިޔާގެ އެހީ، މި ރަސްމިއްޔާތުގެ ތެރެއިން މުލަކަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. މި އެހީއަކީ ރަށްރަށުގެ އިޖުތިމާޢީ ކުރިއެރުމަށް ދީފައިވާ އެހީއެކެވެ. މިކޮމިއުނިޓީ ސެންޓަރު ވެގެންދާނީ، ރަށުގެ ރައްޔިތުންގެ އިތުރުން މުލަކަށް އެކި ބޭނުންތަކުގައި އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބޭގޮތަށްވެސް ބޭނުންކުރެވޭނެ ތަނަކަށެވެ.
މުލަކަތޮޅު ކައުންސިލުން ވިދާޅުވީ މި ސެންޓަރު ބޭނުންކުރާނީ އަތޮޅާއި ރަށުގެ އެކިއެކި މުހިންމު ޙަފްލާތައް ބޭއްވުމަށާއި، ބައްދަލުވުންތަކާއި، މީހުން ބިނާކުރުމަށް ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކާއި ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިއަށްގެންދާ ތަނެއްގެ ގޮތުގައި ކަމަށެވެ.