ސެޕްޓެމްބަރ 2022 ގެ ނިޔަލަށް މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފަށްޓަވާނެކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިއީ 2019 ވަނަ އަހަރު އެމްޓީސީސީއަށް ސަރުކާރުން ހަވާލުކުރައްވާފައިވާ ޕްރޮޖެކްޓެކެވެ.
އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ހާމަކުރައްވާފައިވާ ގޮތުގައި މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ފައިނަލްކޮށް، ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާނެ ބަސްތަކެއް ކަނޑައެޅި، އޯޑަރުކުރުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާ ކަމަށް ސީއީއޯ ހާމަކުރައްވާފައިވެއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެކެވެ. މި ބަސްތައް ގެނެސް ބަހައްޓާނެ ބިމެއް ސަރުކާރުން އެމް.ޓީ.ސީ.ސީއަށް ވަނީ ޙަވާލުކޮށްފައެވެ. މިނީ ބަހުގެ ޚިދުމަތް ފަށާއިރު މާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަމަށް އާޒިމް ވިދާޅުވިއެވެ. މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމުން، ޚިދުމަތުގެ ޑިމާންޑަށް ބަލާ، ބަސްތައް އިތުރުކުރުމާއި، ބަސް ދަތުރުކުރާނެ ރޫޓްތައް އިތުރުކުރަމުންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.