Ad

ޑިއުޓީ އޮފިސަރުން ނެތިގެން މާލެ ޖަލުގެ ޤައިދީންނަށް ބޭސް ފަރުވާ ނުކުރެވޭކަން ހާމަވެއްޖެ!

މާލެ ޖަލުގައި ބަންދުކޮށްފައިވާ ޤައިދީންނަށް ބޭސް ފަރުވާކުރުމުގައި، މާލެ ޖަލުގައި ޑިއުޓީ އޮފިސަރުން ނެތިގެން ބޭސް ފަރުވާ ނުކުރެވޭކަން ހާމަވެއްޖެއެވެ. އެކަންވަނީ އިރުވަރު ނޫހަށް ކަށަވަރުކުރެވިފައެވެ.

ޤައިދީއަކު ބޭސް ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ ފޯމުގެ ޖަވާބު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިންދީފައި އޮތްއިރު، އެޖަވާބުގައި އޮތީ ޑިއުޓީ އޮފިސަރުން ނެތިގެން ޑޮކްޓަރަށް ނުދެއްކޭ ސަބަބެވެ. މިއީ ކިތަންމެހާވެސް ލަދުވެތިކަމެކެވެ. ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަކީ އެމީހުންގެ އެތަކެއް އަސާސީ ހައްޤުތަކެއް ހިފެހެއްޓިފަވާ ބަޔެކެވެ. އެމީހުންތިބެނީ ވަކި ސަބަބުތަކަށްޓަކައި ބަންދުކޮށްފައެވެ. އެހެން ނަމަވެސް، އެމީހުންނަށް ލިބެންޖެހޭ ބޭސް ފަރުވާކުރުމުގެ ޙައްޤަކީ އަސާސީ އިންސާނީ ޙައްޤެކެވެ. އެޙައްޤު ދައުލަތުގެ ޒިންމާދާރު ވުޒާރާއެއްގެ ނުކުޅެދުންތެރިކަމާހުރެ ފޯރުކޮށް ނުދެވި އޮތުމަކީ މުޅި ދައުލަތަށް ބޮޑު ލަދުވެތިކަމެކެވެ. މީގެކުރިން މާލޭ ޖަލުގައި ޤައިދީން ޑޮކްޓަރަށް ނުދެއްކެނީ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ކަމަށް ބުނެ ކަރެކްޝަނުން ވަނީ ޤައިދީންނަށް ލިޔުމުން ޖަވާބު ދީފައެވެ.

ޖަލުގައި ތިބޭ ފަރާތްތަކާމެދު އިހާނެތިކޮށް ޢަމަލުކުރަނީ ކީއްވެ؟

ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައި ނުވަތަ ޙުކުމެއް ތަންފީޒުކުރުމުގައި ބަންދުގައި ތިބޭ މީހުންނަކީ ކޮންމެ ޙާލަތެއްގައިވެސް ބޭސް ފަރުވާގެ އަސާސީ ޙައްޤު ލިބެންޖެހޭނެ ބަޔެކެވެ. ކިތަންމެ ބޮޑު މުޖުރިމަކަސް ނުވަތަ ކޮންމެވެސް ވަރެއްގެ ތުހުމަތެއް އެމީހެއްގެ މައްޗަށް ކުރެވޭ މީހާއާމެދު އެއްވެސް ތަފާތެއް އޮވެގެންނުވާނެއެވެ. މިއަދު ރާއްޖޭގެ ނިޒާމު އޮތް ގޮތުން ޖަލުގައި ބަންދުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތު އާދަޔާ ޚިލާފަށް ދިގު ދެމިގެންދާކަމަކީ ޙަޤީޤަތެކެވެ. ސަބަބުތަށް ބައިވަރު އެބަހުއްޓެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ރިމާންޑް ޖަލުތަށް ހިނގަމުން އަންނައިރު، ކުށުގެ ތުހުމަތުކުރެވޭ ޤައިދީންގެ ޢަދަދާއި ޙުކުމް ތަންފީޒުކުރާ ޤައިދީންގެ ޢަދަދަށް ބަލައި، ޖަލުތަކުގެ ޙާލަތު ސަރުކާރުން ވަޒަން ނުކުރަނީ ކީއްވެބާވައެވެ. ޖަލުގެ އޮފިސަރުންގެ ޢަދަދު ކިތަންމެހާވެސް މަދެވެ. އިންސާނީ ވަސީލަތްތަށް ތަރައްޤީކުރެވިފައިވާ މަންޒަރެއް ނުފެނެއެވެ. ބޭސް ފަރުވާކުރުމަށްޓަކައި ޖަލުގެ އެތެރޭގެ ޤަވާޢިދުތަށް ހަދާފައިވާއިރު، އެޤަވާޢިދުތަށް ބައްޓަންވެފައިވަނީ ބޭސް ފަރުވާކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަފަދަ ގޮތަކަށެވެ. މީގެ ދުވަސްކޮޅެއްކުރީން މާލެ ޖަލުގައި ޑޮކްޓަރަކު ނެތިގެން ޑޮކްޓަރަށް ނުދެއްކޭކަންވެސް ވަނީ ފަޅާ އަރައިފައެވެ.

މީގެ އަހަރުތަކެއްކުރީން، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި ޝަރީޢަތްކުރި ފަނޑިޔާރުންތަކެއް ޖަލަށް ވަންނަންޖެހުނެވެ. އަދި ދަށު ކޯޓުގައި ޝަރީޢަތްކުރި ފަނޑިޔާރަކުވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރިއެވެ. މިއަދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވެސް ޖަލުގައި ޙުކުމް ތަންފީޒުކުރިއެވެ. އޭރު އެފަރާތްތަކުންވެސް ރޮއި އާދޭސްކުރީ ބޭސް ފަރުވާގެ ސަބަބުތަކާއި ޝަރީޢަތްކުރުމުގެ އިޖުރާއާތުތަކުގެ މައްޗަށެވެ. މިއަދު ކޮންމެ މަޤާމެއްގައި ހުއްޓަސް ޖަލުގެ ޙާލަތު އެނގޭނީ ޖަލަށް ވަނީމައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ޤައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ކުރެވޭކަމުގައި ކޯޓުގައި ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެން ނަމަވެސް، ލިޔުމަށް ތިރިކުރެވިފައިވާ ޖަވާބު ކަރުދާސްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނަމުން އަންނަނީ ޑޮކްޓަރަށް ދެއްކޭކަށް ނެތްކަމާއި، ނުދެއްކިވަނީ ޑޮކްޓަރުން ނެތުމުންނާއި ޑިއުޓީ އޮފިސަރުންގެ ދަތިކަމާއި ހުރެއެވެ. ޢަމަލާއި ބަހާއި ދިމައެއް ނުވެއެވެ.

ކޮންމެ އަކަސް، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި ހުރި ފަރާތުން މީގެން އެއްވެސް ޝަކުވާއަކަށް ޖަވާބުދާރީ ވާތަނެއް ނުފެނެއެވެ. ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ތަންފީޒުކުރަނީ ކޮން ސިޔާސަތެއްކަމެއްވެސް ނޭނގެއެވެ. ވަޒީފާގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބެންޖެހޭނީ ކުފޫ ހަމަވާ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަރާތްތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *