Ad

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް މިނިސްޓަރ ޢަބްދުﷲ ޝާހިދުއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނޢޢވ) އަށް އަރުވައިފިއެވެ.

‎މި ނިޝާންގެ ޢިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ
‎ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައެވެ.

‎މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މި ނިޝާންގެ ޢިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. މިނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ އެ ޤައުމު އުފެދުމުގެ ބާނީންކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި ޢިއްޒަތް އެޤައުމުން އަރުވަނީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއްކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.

‎ޑޮމިނިކަން ރިޕްބްލިކުން މިނިސްޓަރ ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ " އދ ގެ އުންމީދޔުގެ ރިޔާސަތު" ގެ ތެރެއިން، ކޮވިޑް ޙާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ،ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

‎މިނިސްޓަރ ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫނެ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ލުއިސް އަބިނަދެރ އާ ބައްދަލުކުރައްވައި އެ ޤައުމާއި އދ.ގެ ޢާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޮވިޑްގެ ޙާލަތުން އަރައިގަތުމުގައި އެ ޤައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިސްޓަރ ރޮބާޓޯ އަލްވަރޭޒްއާއެކު، ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގަރ ޑެލް ނިޏޯ އަށް ޒިޔާރަތްކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްޤީކުރުމަށްޓަކައި އެޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *