Ad

ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކަށް އެންމެ ރަނގަޅުގޮތުގައި އަވަސް ތަހުޤީޤެއް ކުރެވިގެންދިއުން އެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދު: ޢިމްރާން

ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކަށް އެންމެ ރަނގަޅުގޮތުގައި އަވަސް ތަހުޤީޤެއް ކުރެވިގެންދިއުން އެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނިސެފާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން "ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން, ޕްރިވެންޝަން އެންޑް އިންވެސްޓިގޭޝަން" ގެ ނަމުގައި ފެށި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ޚާއްޞަކޮށް ކުޑަކުއްޖަކަށް ބޮޑުގެއްލުމެއް ލިބިއްޖެނަމަ މުޖުތަމައުން އެކަމާ ކަންބޮޑުވާ މިންވަރު، އެކަމުގެ ސަބަބުން ހުންނަ ހުރިހާ އުދާސްތައް އެންމެ ބޮޑަށް ތަހައްމަލުކުރަންޖެހޭ ފަރާތަކީ ދިވެހި ފުލުހުންކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެމީހުން އަނބުރާ މުޖުތަމައުއަށް ގެނެވޭފަދަ ހަރުދަނާ ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރަން ޖެހޭކަމަށެވެ. އެމަސައްކަތް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ކުޑަކުދިންގެ ހައްޤުތަކުގެ ޤާނޫނު ވުޖޫދުކުރެވުނުކަމަށާއި, އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުކުރެވިގެންދިޔަކަން ފާހަގަކުރެއްވިއެވެ. 2020ވަނަ އަހަރު ފުލުހުންގެ ޤާނޫނު ވުޖޫދު ވެގެން ދިޔަކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރާ މަތިކޮށްފައިވާ ފުލުހުންގެ ސްޓްރެޖިކް ޕޮލިސިންގ ރިކްއަރމަންޓް ކަނޑައެޅުމުގެ ތެރެއިންވެސް އިސްކަންދެއްވީ އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށްކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓްރެޖިކް ޕޮލިސިންގ ރިކްއަރމަންޓްގެ ތެރެއިން ޚާއްޞަ 12 ކަމަކަށް އިސްކަމެއްދީގެން މަސައްކަތްކުރެވުނުކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މުޖުތަމައުގައި އެކިގޮތްގޮތުން ހަވާސްވެފައިވާ އަންހެނުންނާއި ކުޑަކުދިންނާއި, ޒުވާނުންނަށް ދިމާވާ މައްސަލަތަކަށް އިސްކަމެއް ދީގެން އެކަންކަން ބަލާ, އެކަންކަމުން އަރައިގަތުމަށް މަގުފަހިވާނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރުމަށް އިރުޝާދުދެއްވިކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އުފެދިގެން އަންނަ ޒުވާން ޖީލަށް ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޒަމާންތަކަކަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް މައްސަލައެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ހަވާސާވެފައިވާ އަންހެނުންނާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި ކުށުގެ ސަބަބުން މެދުވެރިވާ އަނިޔާތަކާއި ގެއްލުންތަކުން އަރައިނުގަނެވި, އެކަން ތަހައްމަލުކުރުން އެއީ މުޅި ކުރިމަގު ބަނަވުމަށް މެދުވެރިވާ ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލަން ނުތިބެ, ނުވަތަ މަގުމަތީގައި މަސައްކަތްކުރަން ނުތިބެ ހޮޅުއަށިތަކާއި, ދޮރުއަށިތަކާއި, ކުޅިވަރު ދަނޑުތަކާ ހަމައަށް ދާންއެބަޖެހޭކަމަށެވެ. ކަންކަން ކައިރިން ދެނެގަނެ ކަންކަން ހިނގުމުގެ ކުރިން, މައްސަލަތައް މެދުވެރިވުމުގެ ކުރިން, އެކަންކަން ދިމާވެދާނެ ސަބަބުތަކާއި, މަގުތައް ދެނެގަނެ އެކަންކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިކޮންފަރެންސަކީ އިރާދަކުރެއްވިއްޔާ އެއަށް އަޅުގަނޑުމެންނަށް މަގުދައްކައިދޭނެ ކޮންފަރެންސެއް." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުޑަކުދިންނާއި, އަންހެނުންގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތައްކަމުގައި ބަލައިގެން އެކަމުން އަރައިގަތުމަކީ ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގެ އިހުސާސް އެންމެންގެ ކިބައިގައި ވަރަށްބޮޑަށް އޮންނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް ވަރަށް ޝައުޤުވެރިވެ, ކޮންފަރެންސްގެ މަޝްވަރާތަކުގައި އެންމެންގެ ބައިވެރިވުން އޮވެގެން ރަނގަޅު ނަތީޖާއެއް ހިފައިގެން ނިކުތުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ފެށި މިމަސައްކަތު ބައްދަލުވުން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިމަސައްކަތުބައްދަލުވުން އަމާޒުކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި, ޕީޖީއާއި, ދިވެހި ފުލުހުންގެ ޚިދުމަތާއި, ޖުވެނައިލް ކޯޓާއި, އެޑިއުކޭޝަން މިނިސްޓްރީއާއި, ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *