މަސްވެރިކަމުގެ ޞިނާޢަތު ކުރިއަށް މިދަނީ ފަތުއަޑުކިޔާފައި ދުވަހުން ދުވަހަށް ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 42 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިކަން މިހާ ބާރަށް ކުރިއަރައިގެން މިދަނީ މަސްވެރިންނާ އޮޑިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
"މަސްވެރިކަމުގެ ޞިނާޢަތު ކުރިއަށް މިދަނީ ފަތުއަޑުކިޔާފައި ދުވަހުން ދުވަހަށް ކުރިއަށް. މިއީ މަސްވެރިކަމަށް ދިވެހި އޮޑިވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ނަތީޖާ. މަސްވެރިންގެ މިންނެތް މަސައްކަތާއި، މަސްވެރި ޢާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ. މަސްވެރިކަމުގެ ތަރައްޤީއަށް މި ވޭތުވެދިޔަ ސަރުކާރުތަކުން ކުރިއަށް ފިޔަވަޅެއް އަޅާއިރު، މަސްވެރިން ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅައިގެން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.
"މީގެ ކުރިން މަސްވެރިންގެ ފަޚުރަކީ ހައްސަ ބޭނުން. އެހެން ނަމަވެސް، މިއަދު އެކަން މިކުރަނީ، ދުވާލަކު 50-60 ޓަނުގެ މަސް ބާނައިގެން. އަޅުގަނޑުމެން މި ދައްކަނީ ދާ ޖަހައިގެން ދޯންޏަށް މަސްކޮޅު ކަހާލާ ވާހަކައެއް ނޫން. މި ދައްކަނީ، ދޮށީގެ މަސްވެރިކަމުގައި ފަހަރަކު މަހެއް، ފަހަރަކު މަހެއް ބާނަމުން ބާނަމުން ގޮސް، ދުވާލަކު 50-60 ޓަނު ދޯންޏަށް އެތެރެކޮށްލާ ވާހަކަ. ދެން ވިސްނަވާ ތިޔަބޭފުޅުން، މަސްވެރިންގެ ގަދަފަދަ ހިތްވަރާއި ފަންވަރު. މިއާ އަޅުގަނޑުމެން ފައިހަމަކުރަން މި ޖެހެނީ." ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް އަންނަ އަހަރުގެ މެދުތެރޭގައި ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.