ދިވެހި ދައުލަތުގެ އިދާރީ ހިންގުމުގެ މުސްކުޅި އަދި ބަރުހެލި، ސިޔާސަތަށް ބަދަލު ގެންނަން މިއަދު މަޖުބޫރެވެ. ދުނިޔެ، ޢިލްމީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރިއަރައި ގޮސް މީހުންގެ ވިސްނުމާއި ބޭނުންތަކާއި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވާސިލްވާނެ ފަސޭހަ ގޮތްތަކަކަށް ތިބީ ބަލަބަލައެވެ. އޮފީސްތަކުން މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައިވާ ފުރަންޓް އޮފީސް ނުވަތަ ކައުންޓަ ޚިދުމަތްތަކުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ވެއްޖެ ކަމަށް ޤަބޫލުކުރާނީ ކޮން އިރަކުންތޯއެވެ؟ އެކަންކުރުން މިހާރުވެސް މާބޮޑަށް ލަސްވެއްޖެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ އިދާރީ ހިންގުމުގެ ނިޒާމަށް ގެންނަމުންދާ ބަދަލުތައް ދިރާސާކޮށް ބަލާއިރު ވަރަށް ސާފު މަންޒަރެއް ފެންނަން އެބައޮތެވެ. އެއީ ހުރިހާ ބޮޑެތި ޤައުމުތަކަކުން ވެސް މިސްރާބު ހުރީ ޕަބްލިކް ރިލޭޝަނާއި މާކެޓިންގެ ވިސްނުންތައް އިދާރީ ހިންގުމުގެ ތެރެއަށް ގެނެސް، ޚިދުމަތުގެ ވައްޓަފާޅި ޒުވާންކޮށް، ޒަމާނީކޮށްލުމަށެވެ.
ރާއްޖޭން ނަތީޖާ ނެރެވޭފަދަ ޚިދުމަތުގެ ވައްޓަފާޅިއެއް ދައުލަތުގެ އިދާރީ ހިންގުމުގެ ނިޒާމުގެ ތެރެއަށް ގެންނަން ބޭނުންވާނަމަ، ޕަބްލިކް ރިލޭޝަންސް އާއި މާކެޓިންގެ ވިސްނުން އޮފީސްތަކުގެ މަސައްކަތުގެ ތެރެއަށް ތަޢާރަފްކޮށް ޚިދުމަތުގެ މޫނުމައްޗާއި ވައްޓަފާޅި ބަދަލުކޮށްލަން މަޖުބޫރެވެ. ޚާއްސަކޮށް ކައުންސިލުތަކުން މިބަދަލާމެދު ވިސްނަންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ.
ތަޖުރިބާކާރުން، ޒަމާނީ އޮފީސްތަކުގެ އޮނިގަނޑު ކުރަހާލާއިރު އިދާރީ ހިންގުމުގެ އެންމެ އިސް މީހުންގެ ގޮތުގައި ފާހަގަކޮށްފައި ހުންނަނީ ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އާއި މާކެޓިން ދާއިރާގެ މީހުންގެ ނަންތަކުންނެވެ. އެހެން ކަމުން ދިވެހިރާއްޖެ އަކީ ވެސް މި ވިސްނުމާ ރައްޓެހި ސިޔާސަތުތަކެއް ގެންގުޅޭ ޤައުމަކަށް ބަދަލުކޮށްލެވިއްޖެނަމަ ކުރިމަތީގައި އޮތީ ވަރަށް ކާމިޔާބު އަދި ހެޔޮ ނަތީޖާ ނެރެވޭނެކަން ކަށަވަރު ރާސްތާއެކެވެ.
މި ވިސްނުން އެންމެ ބޮޑަށް ގެންނަން ޖެހިފައިވަނީ ދިވެހި ސިވިލް ސާވިސް އާއި ކައުންސިލްތަކުގެ އޮނިގަނޑަށެވެ. މިއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް ވިސްނާލުން ވަރަށް މުހިއްމު ކަމެކެވެ. މިބަދަލު ގެނެސްގެން ނޫނީ ދަޢުލަތުގެ އިދާރީ ހިންގުމުގެ ބަރުހެލި، ކަންނެތް، ބޯދާ ގޮތްތަކާ އަލްވަދާޢު ކިޔޭކަށް ނެތެވެ.
މިސާލެއް ނަގަމާހެއްޔެވެ؟ ސިޓީ ކައުންސިލެއް ނުވަތަ ރަށު ކައުންސިލެއްގެ އިންތިހާބީ މަގާމުތަކުގެ އިތުރުން އިދާރީ ހިންގުމުގެ ކަންކަމަށް ދެ ހެޑުން ލެވިދާނެއެވެ. އެއީ އާންމު ޚިދުމަތުގެ ދާއިރާ ހިންގުމަށް ޕަބްލިކް ރިލޭޝަންސްގެ ދާއިރާގެ ބޭފުޅަކާއި ވިޔަފާރިއާއި އާމްދަނީ ހޯދުމުގެ ވިސްނުން ފުޅާކޮށް ކުރިއެރުވުމުގެ ދާއިރާ ހިންގެވުމަށް މާކެޓިން ދާއިރާގެ ބޭފުޅަކު ބެހެއްޓިދާނެއެވެ. އޭގެ ދަށުން އިންސާނީ ވަސީލަތްތައް ބަލަހައްޓާނެ ބޭފުޅުންނާއި އާންމު މެނޭޖްމަންޓްގެ ބޭފުޅުންނާއި ވަކި ދާއިރާތަކަށް ޙާއްސަ މުވައްޒަފުން ތަރުތީބު ކުރެވިދާނެއެވެ. ހަމަ މިއުސޫލު ސިވިލް ސާވީސްގެ އާންމު އޮނިގަނޑަށް ވެސް މާގިނަ ވަގުތެއް ނުނަގާ ގެނެވިދާނެއެވެ.