ރީޖިނަލް އެއާޕޯޓް ކޮމްޕެނީގެ ފަރާތުން އޮޕަރޭޓްކުރަމުންގެންދާ ހަނިމާދޫ އިންޓަރނޭޝަނލް އެއަރޕޯޓުގެ އަލަށް ތަރައްގީ ކުރަމުން ގެންދާ 2460 މީޓަރުގެ ރަންވޭނެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިގޮތުން މިހާތަނަށް ރަންވޭއިން 1200 މީޓަރު ވަނީ ނިމިފައެވެ.
އާ ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނެވެ. ރަންވޭ ހުޅުވުމުގެ ގޮތުން އެ ރަންވޭގައި ޖެއްސި ފުރަތަމަ ފްލައިޓްގައި އާރް.އޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީންނާއި އައިލަންޑް އޭވިއޭޝަންގެ ޑެޕއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ދަތުރުކުރެއްވިއެވެ.
މިހަފްލާގައި ވާހަކަދައްކަވަމުން އާރް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް
ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށްދާ ކަމަށެޗެ. މިގޮތަށް މަސައްކަތް ކުރިއަށްދާނަމަ އަންނަ މާޗް މަހުގެ ތެރޭގައި މުޅި ރަންވޭ ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. 1200 މީޓަރުގެ ރަންވޭ ހުޅުވިއިރު ރަންވޭގައި ވަނީ ލައިޓް ހަރުކޮށް ރޭގަނޑުވެސް ފްލައިޓްތައް ޖެއްސޭގޮތަށް މަގުފަހިކޮށްދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، މި ރަންވޭ ހުޅުވުމާއެކު ހަނިމާދޫން އިންޑިއާއަށް މީގެކުރިން ކުރަމުން އައި އިންޑިއާ ދަތުރުތައް މާ ލަސްތަކެއް ނުވެ އަލުން ފެށޭނެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ކުރިއަށްގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މީގެބޭނުމަކީ އެއާޕޯޓުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށް ރީޖިނަލް އެއާޕޯޓުން ބުނެއެވެ. ރަންވޭގެ ބާކީއޮތް 2 ބައި ކުރިއަށްދާނީ ކުރިން އެއާޕޯޓްގައި ބޭނުންކުރި ރަންވޭ ތަޅާލާ ނެގުމަށް ފަހުގައެވެ.
މިމަސްރޫޢު ނިމިގެންދާއިރު އެއާރބަސް 320 މަރުކާގެ ބޯޓާއި ބޯއިންގް 737 ބޮޑެތި މަތިންދާބޯޓް މި އެއާޕޯޓަށް ޖެއްސޭނެއެވެ. އަދި އަހަރަކު 1.3 މިލިޔަން ފަސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއާޕޯޓް ޓާމިނަލްއަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމް އެއާޕޯޓްގައި ހަމަޖެހިގެންދާނެކަމަށް ރީޖިނަލް އެއާޕޯޓު ކޮމްޕެނީން ބުނެއެވެ.