11 ޑިސެންބަރު 2024 ދުވަހު ހުޅުމާލެ ނިރޮޅުމަގު އެމް.ޑަބްލިޔު.އެސް.ސީ ކައިރީގައި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ބައިވެރިންތަކެއްގެ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅިކަމަށްބުނެ ދަޢުވާކުރި މައްސަލާގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތު އޮންނާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މި ނޫހަށް މަޢުލޫމާތުދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަދި ތަރުޖަމާނު އަޙްމަދު ޝަފީޢު ވިދާޅުވީ، އެ މައްސަލާގައި 3 މީހެއްގެ މައްޗަށް ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކަމަށާއި، އެ ކުށުގެ އަދަބަކީ 1 އަހަރަށްވުރެ ކުޑަ އަދަބެއްކަމުން، އިއުތިރާފުވާ ހާލަތުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާ ގޮތުން، ކުށުގެ އަދަބު 1 އަހަރަށްވުރެ ކުޑަވާނަމަ، އިޢުތިރާފުވާ މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ވުމުގެ އިޚްތިޔާރު ޕީޖީ އަށް ލިބިދީފައިވެއެވެ.
ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް ހުށަހަޅަންޖެހެނީ އެކަމާ ގުޅޭ ފޯމުންނެވެ. އަދި އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭނެކަމަށް ޝަފީޢު ވިދާޅުވިއެވެ.
11 ޑިސެންބަރު 2024 ދުވަހު ހުޅުމާލެ ނިރޮޅުމަގު އެމް.ޑަބްލިޔު.އެސް.ސީ ކައިރީގައި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ބައިވެރިންތަކެއް އެސަރަހައްދު މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ސަރަހައްދުގެ އަމަން ނަގާލަން އުޅުނުކަމަށް ތުޙުމަތު ކުރެވޭ މައްސަލާގައި މއ. ވިރާޙު، މުޙައްމަދު ޝާމިންއާއި، މއ. ނަހީދީމަންޒިލް، މިޞްބާޙް ޝަރީފްއާއި، ހދ. ކުމުންދޫ، ހޮލިޑޭވިޖެލް، ނުޢުމާން އަޙްމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 5 ފެބުރުވަރީ 2025 ގައެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްފައިވަނީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ވިޔަފާރީގެ ތެރެއަށް ވަންނަން އުޅޭތީ އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
މި މައްސަލަ ކޯޓުގައި ކުރިއަށްގެންގޮސް ކުށް ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެެވެ.




