Ad

އިސްލާމްދީނާއި ޓެރަރިޒަމާއި ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ރާއްޖެއިން މިފަދަ ބަޔާނެއް މި ނެރުނީ ފްރާންސްގެ ރައީސް އިސްލާމްދީނަށް ބަދުބަސް ބުނަމުންދާ ދަނޑިވަޅެއްގައި

އިސްލާމްދީނާއި ޓެރަރިޒަމާއި ގުޅުވައިގެން އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނާއި ކީރިތި ރަސޫލާ صلى الله عليه وسلم އާއި ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް އެއީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭނެ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖެ ދެމިއޮންނާނީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައެވެ. ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ހަދަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ދަރިވަރުންތަކަކަށް ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައި ދެއްކި ކަމަށް ބުނެ ފްރާންސްގެ ޓީޗަރަކު މަރާލި ހާދިސާ އަށް ފަހު އެ ގައުމުގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުން އިތުރުވެފައި ވަނިކޮށް ރާއްޖޭން ނެރުނު ބަޔާނުގައި މިފަދަ އަމަލުތަކާ މެދު ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް ވަކި ޤައުމެއްގެ ނަމެއް މި ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.

އެ ބަޔާނުގައި ބުނީ އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި އެ ދީނާ ޓެރަރިޒަމް ނުވަތަ ދީނީ ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކުމަކީ ރާއްޖޭން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ރާއްޖެއިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށް ކެތްތެރިކަން އިސްކޮށް އަނިޔާވެރިކަމާއި ރުޅިވެރިކަން ފެތުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *