އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ޔޫރަޕްގެ ވިޔަފާރިތަކުން ގޮވާލަމުންދާތީ، ރާއްޖެއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިސާދުގައި މަސްވެރިކަމުގެ ސިނާއަތަކީ މުޙިއްމު ސިނާއަތަކަށްވެފައި، މިއީ ގިނަ އަދަދެއްގެ ދިވެހިންގެ އާމްދަނީއާއި ގުޅިފައިވާ ސިނާއަތެއް ކަމަށެވެ.
ރާއްޖެއިން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ބޮޑު އިންސައްތައެއް ބޭރު ކުރަނީ ޔޫރަޕްގެ މާރކެޓްތަކަށް ކަމަށްވާއިރު، މިއީ ރާއްޖޭގެ މަސްވެރިންނަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. ޔޫރަޕްގެ ވިޔަފާރިތަކުން އިންޑިއާ ކަނޑުން ބާނާ މަސް ގަތުމާއި ދެކޮޅު ހަދަމުންދަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުންދާއިރު އެކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ބުނެއެވެ. ނަމަވެސް ރާއްޖެއަކީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާ ޤައުމެކެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ނިސްބަތް މަދުކޮށް އައިއޯޓީސީއާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދޮށީގައި ނުވަތަ އަތުނަނުގައި ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު 5 އިންސައްތަ މަދުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ހުސްވުމުގެ ބިރު ހީވުމާއިއެކު އައިއޯޓީސީއިންވަނީ ޤައުމުތަކުން ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު މަދުކުރުމަށް މިންގަނޑުތަކެއް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ގިނަ ޤައުމުތަކަކުން މިގޮތަކަށް އަމަލުކޮށްފައެއް ނުވެއެވެ.
ރާއްޖެއިން ވަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށްޓަކައި އިމްޕްރޫވްމަންޓު ޕްރޮގްރާމްގައި ބައިވެރިވުމުގެ އިތުރުން އެހެން ޤައުމުތަކާއި ގުޅިގެން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އާލާ ކުރުމަށް މަސައްކަތްތަކެއް ކުރުމަށްވެސް ނިންމާފައެވެ.
ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި އެ ޤައުމުތަކުގައި ބާނާ މަސް އެޤައުމުތަކުގެ އެތެރޭގެ މާކެޓްތަކަށް ވިއްކައި، ބޭނުންކުރި ނަމަވެސް ރާއްޖެއަކީ މަހުގެ އެކްސްޕޯޓަށް ބަރޯސާވާންޖެހޭ ޤައުމެއް ކަމުން ޔޫރަޕްގެ ވިޔަފާރިތަކުން އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ގަތުން ހުއްޓާލައިފިނަމަ އޭގެ ސަބަބުން ދިވެހި މަސްވެރިންނަށް ބޮޑެތި ދަތިތަކެއް ދިމާވާނެއެވެ.