Ad
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ބޯޓުން ފައިބަނީ. ފޮޓޯ: އެމް.އޭ.ސީ.އެލް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ބޯޓުން ފައިބަނީ. ފޮޓޯ: އެމް.އޭ.ސީ.އެލް

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 37 ހާހުން މައްޗަށް

މިމަހުގެ މިހާތަނަށް ޖުމްލަ 18،601 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފަ

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 37،468 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލިފަހުން މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުދަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ މިހާތަނަށްވެސް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިމަހު އެވްރެޖްކޮށް ދުވާލަކު 620 ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިމަހުގެ މިހާތަނަށް ޖުމްލަ 18،601 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލި ފުރަތަމަ މަހު އެވްރެޖްކޮށް ދުވާލަކު 117 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެމަހު ޖުމްލަ އައީ 1،752 ފަތުރުވެރިންނެވެ.

އަދި އޮގަސްޓު މަހު 7،628 ފަތުރުވެރިން އައިއިރު، އެމަހު އެވްރެޖްކޮށް ދުވާލަކު އައީ 246 ފަތުރުވެރިންނެވެ.

ސެޕްޓެމްބަރުގައި އެވްރެޖްކޮށް ދުވާލަކު 318 ފަތުރުވެރިން ޒިޔާރަތްކޮށް، ޖުމްލަ 9،538 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ބޯޑަރު ހުޅުވާލިފަހުން ޒިޔާރަތްކުރި 37،468 ފަތުރުވެރިންނާއެކު މިއަހަރުގެ ޖެނުއަރީން މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 420،315 އަށް އިތުރުވެފައެވެ.

ކޮވިޑުގެ ފަހުން މިހާތަނަށް އައި ފަތުރުވެރިންނަށް ބަލާލާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިހާތަނަށް އެޤައުމުންވަނީ، 7،507 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *