Ad

ފުރިހަމަ ތަގުރީރަކުން ދިވެހިންނަށް ފަހުރުވެރިކަން

ރޭ ކުރިއަށް ދިޔަ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރިހަމަ ތަގުރީރާމެދު ފަހުރުވެރިވާ ކަމަށާއި، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލެއްވުމަކީ ކޮންމެ ދިވެއްސަކު އެމަނިކުފާނާ މެދު ފަހުރުވެރިވާނެ ފަދަ އަމަލެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ބުނެފި އެވެ.

ރޭ ރައީސް ދެއްވި ތަގުރީރަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާއިރު ކޮންގްރެސް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ތަގުރީރުގައި ރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންތަކާއި ގެންގުޅުއްވާ ވަށާޖެހޭ ތަސައްވަރާއި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުވާލެއްވި ކަމަށެވެ.


އެ ޕާޓީން ބުނީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަން ކުރައްވާނެކަން އިއުލާންކުރުމަކީ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް ދެއްވި އުފާވެރި ހަބަރެއް ކަމަށެވެ.

ކޮންގްރެސް އިން ބުނީ 2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނެވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމުގައި ދުނިޔެ ނާކާމިޔާބުވަމުންދާކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. އަދި ހުސް ވައުދުވުމުގެ މަތީގައި ދެމިތިބެވެން ނެތްކަން ހާމަކުރައްވައި, އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް ރައީސް އިލްތިމާސް ކުރެއްވިކަން އެ ޕާޓީން ފާހަގަކުރެއްވި އެވެ.

އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުުޖުތަމައަށް ހަރު އަޑުން ގޮވާލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާ މެދު ފަހުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލުފުޅެކެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނީ ރައީސްގެ ތަގުރީރަކީ ރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި ހައްގު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަގުރީރެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *