މިއަދު ދުނިޔެ ކުރިމަތީގައި ބޮޑު ގަތަލުއާންމެއް ހިނގަމުންދަނީ އަމިއްލައަށް ހެދި ގާނޫނުތަކަށް ބޯލަނބަން ބޭނުން ނުވާ ސަލާމަތީ މަޖިލީހެއްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައްޒާގައި އިޒްރޭލުން ކުރާ ހަނގުރާމައަށް އިޝާރާތް ކުރައްވަމުން ރައީސް މިގޮތަށް ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީހީ ބަޔާނުގަ އެވެ. އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސްގެ ތަގުރީރުގައި ވަނީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފަ އެވެ.
ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށް އަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ. ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފަ އެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ގަރާރު އެމެރިކާއިން ވީޓޯ ކުރުމަށް އިޝާރާތްކުރައްވާ، ރައީސް ވަނީ ސެކިއުރިޓީ ކައުންސިލުން ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެނީ ވަކި ބަޔަކަށް ކަން ފާހަގަކުރައްވާފަ އެވެ.
“ސަލާމަތީ މަޖިލީހަށް ކުރާ އިތުބާރު ކުޑަވަމުން އަންނަނީ ހަމަހަމަ ތަމްސީލުކުރުމެއް ނެތުމާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނުކުރުމުގެ ސަބަބުން.”
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި، ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާހު ގެނައުމަށް ވަނީ އިންޓަރގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފަ އެވެ. މިގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.
އދ. ގެ 1/5 އަކީ ކުދި ޖަޒީރާތައް ހިމެނޭ ގައުމުތަކެއް ކަން ރައީސް ހަނދުމަފުޅުކޮށްދެއްވި އެވެ. ވީމާ، މި ގައުމުތަކުގެ ތަފާތު ތަޖުރިބާތައް ބޭނުންތެރިކަމަށް ރައީސް ވިދާޅުވި އެވެ. ވުމާއެކު، ސިޑްސްގެ ގައުމުތަކަށްވެސް ސަލާމަތީ މަޖިލީހުން ދާއިމީ ގޮނޑިއެއް ލިބެން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރަށްވެސް، ޒަމާންތަކެއް ވަންދެން އެފްރިކާގެ ގައުމުތަކާއި ދެކޮޅަށް ސެކިއުރިޓީ ކައުންސިލުން ހިންގި ބޭއިންސާފުވެރިކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ގައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތާލުމުގެ އަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން ކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިޒްރޭލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަގުވާމީ މުޖުތަމައުން އީޖާދީ ހައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާ ކުރުމަށެވެ.
”މި ކައުންސިލްގެ ބާރުގަދަ މެންބަރުން، މިއީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެން ގެންދަން ދެކެން ބޭނުންވާ ދުނިޔެ ހެއްޔެވެ؟ މި ކައުންސިލްގެ ބާރުގަދަ މެންބަރުން، މިއީ ހަގީގަތުގައި އެހެން މީހުންނަށް ދައްކަން ބޭނުންވާ ނަމޫނާ ހެއްޔެވެ؟ މި ކައުންސިލްގެ ބާރުގަދަ މެންބަރުން، ތިޔަބޭފުޅުން ބިނާކުރެއްވި ދުނިޔޭގެ ނިޒާމުގެ ބިންގާތައް ފުނޑުފުނޑުކޮށްލަން ބޭނުންފުޅުވޭ ހެއްޔެވެ؟އެ ބަޔަކަށް ހިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިހާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ،” ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވި އެވެ.
ރައީސް މިގޮތަށް ވިދާޅުވިއިރު އދ. ގައި ގަރާރުތައް ވީޓޯކުރުމުގެ ބާރު ލިބިގެންވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެންބަރުންނަށް އެކަންޏެވެ. އެގައުމުތަކަކީ އެމެރިކާ، ފްރާންސް، ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތެވެ.