އިންޑިއާ ކަނޑުގައި އޮންނަ ދިވެހިރާއްޖޭގެ ކަނޑަކީ މުޅި ދުނިޔޭގެ ވިޔަފާރިއަށް މުހިންމު ރާސްތާއެއް ކަމުން އެމެރިކާއާއި ރާއްޖެއާއި ދެމެދު ޕާޓްނާޝިޕެއް ދެމިއޮތުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. .
ރައީސް މިގޮތަށް ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ހާއްސަ ތަގްރީރެއްގަ އެވެ.
ޕްރިންސްޓަން ޔުނިވާސިޓީއާއި މުހާތަބު ކުރައްވަމުން ރައީސް ވަނީ އިންޑިއާ ކަނޑަށް ބާރުފޯރުވަން ބޭނުން ފަރާތްތަކުން ރާއްޖެ އާއި އަޅައިގަންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. އެހެންކަމުން، ގައުމެއްގެ ސައިޒަކީ އެތަނެއްގެ މުހިންމުކަން މިނެކިރަން ރަނގަޅު އެެއްޗެއް ނޫން ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ. އިންޑިއާ ކަނޑުގެ ރާސްތާއަކީ ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ސަލާމަތަށް ވަރަށް މުހިންމު އެއްޗެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ބައިނަލްއަގްވާމީ ހުރިހާ ބަލްކް ކާގޯ ޓްރެފިކެއްގެ ތިންބައިކުޅަ އެއްބައި ދަތުރުކުރަނީ އިންޑިއާ ކަނޑުގެ ތެރެއިން ނެވެ. އޭޝިއާ އާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ 75 އިންސައްތައަށް ވުރެ ގިނަ މުދާތައް ދަނީ އިންޑިއާ ކަނޑުގެ ތެރެއިން ނެވެ. ދުވާލަކު ބޭނުންކުރާ ތެލުގެ 50 އިންސައްތައަށްވުރެ ގިނަ ތެޔޮ ދަތުރުކުރަނީ އިންޑިއާ ކަނޑުގެ ތެރެއިންކަން ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ވުމާއެކު، ދުނިޔޭގެ ބޮޑު ބާރު ކަމުގައިވާ އެމެރިކާއާއި ސައިޒުން ކުޑަ ރާއްޖޭގެ ދެމެދު ޕާޓްނާޝިޕެއް އުފެދުނު ކަމަށާއި ރާއްޖެ ހުންނަ ސަރަހައްދުގެ ސަބަބުން ރާއްޖެއަކީ ވަރަށް މުހިންމު ގައުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
“އިންޑިއާ ކަނޑުގެ މެދުތެރޭގައި އިނީ ރާއްޖެ. 90 ހާހަށް ވުރެ ގިނަ އަކަކިލޯމީޓަރު ހިފާފައިވާ ތަނެއް. އިންޑިޔާ ކަނޑުގެ އެންމެ ގިނައިން ދަތުރުކުރާ މަގުތަކަކީ، ރާއްޖެ ކަނޑު ތެރެއިން. އެހެންވީމާ، އިންޑިއާ ކަނޑުގެ ބާރު ހެޔޮމިނެއްގައި ދަމަހައްޓަން ބޭނުންވާ ކޮންމެ މީހަކަށްވެސް ރާއްޖެއަކީ ނުފޫޒު ފޯރުވުމަށް ޝައުގުވެރިވާ ތަނެއް ކަމަށް ފެންނާނެ. އަޅުގަނޑުމެން މިކަން ދެނެގަނެގެން މި ތިބީ”
މިކަން ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރަން ވައުދުވެވަޑައިގެންނެވި ކަމުގައި ވިދާޅުވި އެވެ. ގައުމުތަކުގެ މެދުގަައި އަމަންއަމާންކަން ގާއިމުކުރެވޭނީ ގައުމުތަކުގެ ސިޔާދަތާއި އިސްތިގްލާލުގެ ހަމަހަމަކަމަށް އިހުތިރާމް ކޮށްގެން ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ. އެހެންކަމުން، ރައީސްް ވަނީ މި އުސޫލުތައް ސަރަހައްދީ ފެންވަރުގައި އަމަލުކުރަމުން، ރާއްޖެއިން، އިންޑިއާ ކަނޑުގައި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ތަރުތީބެއް ދަމަހައްޓައިދިނުމުގެ މުހިންމުކަން ދެނެގަންނަ ކަމަށް ވިދާޅުވެފަ އެވެ.