އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅަކީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެމެރިކާގެ ނިއުޔޯކަށް ރައީސް މުއިއްޒު ކުރައްވި މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރައީސް ވަނީ، އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވާފަ އެވެ.
މިއީ މީގެ 59 އަހަރު ކުރިން، އދ ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސް ގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރު އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުސޫތަކަށް އެތައް ތަގުރީރެއް ދެއްވާފަ އެވެ. އަދި އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއައެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ރައީސް ވަނީ ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއަޒްގައި ތަގުރީރު ކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުޔޯގެ އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.
ރައީސް ވަނީ ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.
މިއީ ރައީސް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ، ދިވެހިރާއްޖެ، އދ ގެ މެންބަރު ގައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބަތާ އެވެ.
މި ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް އެމެރިކާ ގެ ނިއުޔޯކަށް ފުރާވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.