މަސްވެރިންނަށް ދޫނުކޮށް އޮތް ފައިސާ މިއަދު ޖަމާވަމުންދާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑި ފަހަރަށް ދައްކަން އޮތް ބިލްތަކާ ގުޅޭގޮތުން އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި މަސްވެރިންނަށް ދޫކުރަން އޮތް ފައިސާގެ މައްސަލައަށް މި ވަގުތަށް ހައްލު ހޯދިފައިވާ ކަމަށާއި އަމާޒަކީ މަސްވެރިންނަށް ދޫނުކޮށް އޮތް ފައިސާ މި ހަފްތާ ދައްކާ ހަލާސްކުރުން ކަމަށެވެ.
އޭގެ ފަހުން މިފްކޯއިން މިއަދު ބުނީ އޮގަސްޓުން 25 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަށްވާ 17.3 މިލިއަން ރުފިޔާ މިއަދު އެއްކޮށް އޮޑިވެރިންނަށް ޖަމާވަމުންދާނެ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ބިލިއަން ރުފިޔާ ފަހަނަައަޅައިފަ އެވެ.
މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ޖަމާނުކޮށްގެން ދެ ފަހަރެއްގެ މަތިން މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރީ މިދިޔަ ޖޫން މަހު އެވެ. އެ އިހުތިޖާޖު ނިންމައިލީ ފައިސާ ޖަމާކުރުމުންނެވެ.
މިފްކޯއިން މިހާރު ވަނީ އެކުންފުންޏަށް މަސް ގަންނަ އަގު ކަނޑައަޅާ އުސޫލަށް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން މިހާރު އެކުންފުންޏަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ހަފްތާއަކު އެއްފަހަރު ކަނޑައަޅާ އަގަކަށެވެ.