ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ޒައާމަތުގައި ރާއްޖެ ތަރައްގީގެ އިތުރު ހަރުފަތަކަށް ގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރިސެޕްޝަނުގައި ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ދެމެހެއްޓެނި ތަރައްގީއަކާ ދިމާލަށް ދިއުމަށް ސަރުކާރުން ކުރާ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ހަމަ އެހެންމެ އިސްލާހީ ބަދަލުތައް ގެނެސް ދިވެހީންގެ ދިރިއުޅުގެ ހާލަތު އިތުރަށް ރަނގަޅުުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ކްލައިމެޓް ޗޭންޖާ ދެކޮޅަށް ރާއްޖެ އިސްވެކުރަމުންދާ މަސައްކަތްތައް ސަފީރު ފާހަގަކުރެއްވި އެވެ. އަދި އެކަންކަމުގައި ޗައިނާއިން އެއްބާރުލުންދީ ކެޕޭސިޓީ އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ސަފީރު ވިދާޅުވީ ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ނަމަވެސް ތަރައްގީގެ ފޮނި މީރުކަން ހާސިލުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އަދި ދިވެހީންނަކީ ވަރަށް ދަތި އުނދަގުލުގައި ވެސް ސާބިތުވެ ތިބޭ ބައެއް ކަމަށާއި ދުނިޔޭގައި ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލަަށް ރާއްޖެ ވެގެންދިޔައީ އެހެންވެގެން ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
"ރައީސް މުއިިއްޒުގެ ޒައާމަތުގައި ދިވެހީންގެ މިންނެތް މަސައްކަތްތަކާ ހިތްވަރާއެކު ރާއްޖެއަށް އިތުރު ތަރައްގީއާ ފާގަތިކަން އައިސް އިތުރު ހަރުފަތަކަށް ދާނެކަމުގެ ޔަގީންކަން އެބައޮތް" ސަފީރު ވިދާޅުވި އެވެ.