އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ނެގޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ވަގުތެއްގަ އެވެެ. މި އެއްބަސްވުމަކީ އެމްއެމްއޭއާއި އިންޑިއާ ރިޒާވް ބޭންކާ ދެމެދު ހެދުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށްކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މިގޮތުން، ‘ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024’ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ.
އެމްއެމްއޭއިން ބުނީ ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާނެ ކަމަށެވެ. އަދި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާ ބޭނުން ކުރުމަށް މަގުފަހި ވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.
އިންޑިއާ ސަރުކާރާއެކު ގާއިމު ކުރެވުނު ކަރަންސީ ސްވޮޕް އެގްރީމެންޓާއެކު އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރިތައް އިތުރުވެގެން ދާނެ ކަމަށާއި ވިޔަފާރިތައް ހަރުދަނާވާނެކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެގްރީމެންޓެއް ހެދުމުގެ ކުރިން ރާއްޖެއިން ވަނީ ޗައިނާއާއެކުވެސް ކަރަންސީ ސްވޮޕް އެގްރީމެންޓެއް ހަދާފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ކަރަންޓު އެކައުންޓުގެ މުއާމަލާތްތަކާއި އިންވެސްޓްމެންޓްތައް ޗައިނީޒް ޔުއާން އާއި ދިވެހި ރުފިޔާ އިން ކުރެވޭނެ އެވެ. އަދި ޗައިނާ އިން މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް ފަސޭހަވެ، ދެ ގައުމުގެ ދޭތެރޭގައި އިންވެސްޓް ކުރުން އިތުރުވާނެ އެވެ.