ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދަ މޯދީ ގަބޫލުފުޅު ކުރައްވައިފި އެވެ.
މިކަން އިއުލާންކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ވަޑައިގަންނަވާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވީ އެމަނިކުފާނު މިހާރު އިންޑިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒާއި ބޮޑު ވަޒީރު މޯދީ ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި 10 މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒަށް އިންޑިއާއިން މަރުހަބާ ކިޔުއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރްތީ ވަރްތަން ސިންހް އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހިމް ޝިހާބުވެސް ރައީސްއަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެއާ ފޯސްގެ ސިވިލިއަން މަތިންދާބޯޓެއްގަ އެވެ.