ތޫނު ހަތިޔާރާއެކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައިގައި ހައްޔަރުކުރި އެންމެން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން ދެ ފަހަރެއްގެ މަތިން 16 ދިވެހިން ހައްޔަރުކުރި އެވެ. އެ އެންމެން ވެސް ކޯޓުން ދޫކޮށްލީ، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުންނެވެ. މި މީހުން ދޫކޮށްލި މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.
ފަސްކުރި ދޯނީގެ އޮޑިވެރިޔާ އިދުރީސް ހުސެއިން ބުނީ ދޯނި އެގޮތަށް ގެންދަން ޖެހުނީ ދޯނި ހަވާލުކުރި ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެކަން ހައްލުކުރުމަށް ތަކުރާރުކޮށް ކުރެވުނު މަޝްވަރާއިން އެއްވެސް އަލިމަގެއް ނުފެނުމުން ކަމަށެވެ.
ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ދޯންޏަކީ 7 މިލިޔަން ރުފިޔާއަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޚިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވާ ދޯންޏެކެވެ. މީގެ ދެއައަހަރުން މި ދޯނި ވިއްކާލީ މަހުން މަހަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުންނެވެ. ދޯނީގެ ވެރިފަރާތުން ބުނާގޮތުގައި މިވީ ދެ އަހަރު ދުވަހުގެތެރޭގައި އެކުންފުނިން ދޯންޏަށް ދައްކާފައިވަނީ 7 ލައްކަ ރުފިޔާއެވެ.
ދޯނީގެ އޮޑިވެރިޔާ އިދުރީސް ހުސެއިން ބުނީ ދޯނި ރަށަށް ގެންދިޔައީ ސުލްހަވެރިކަމާއެކުގައި ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި ވާހަކައަކީ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކަ ތަކެއް ކަމަށް އިދުރީސް ބުންޏެވެ.
ނަމަވެސް އެދޯނީގައި އެވަގުތު ތިބި މަސްވެރިން ދޮގުކޮށްފިއެވެ.
އެދޯނީގައި އެވަގުތު ތިބި މަސްވެރިން ބުނީ ދޯނި ގަމަށް ގެންދިޔައީ ދޯނީގެ ވެރިމީހާއާއެކު އިތުރު 27 މީހުން ދޯންޏަށް އަރާ ތޫނު ހަތިޔާރުން ދޯނީގެ ކެޔޮޅަށް ބިރުދައްކައިގެން ކަމަށެވެ. މި ހާދިސާ އެމީހުން ސިފަކުރަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ. އެ ދޯނީގައި އެވަގުތު 22 މަސްވެރިން ތިއްބެވެ.
ކޯޓު އަމުރެއްގެ ދަށުން މި ދޯނި މިހާރު އޮތީ އިދުރީސްގެ ބެލުމުގެ ދަށުގައެވެ.