އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤާއިމްކުރި އެއްވެސް އެއްބަސްވުމަކުން މިނިވަންކަމަށް އަސަރުނުކުރާނެކަމަށާއި ހުރިހާ ކަމެއްވެސް އޮންނާނީ ދެފުށް ފެންނަގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބެންގަލޫރުގައި ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމާ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާއި، އެކަމަށް އިސްކަންދޭ ޤައުމުތަކާ ގުޅުން ބާއްވާނެކަމަށެވެ. އެކަމުގައި ދިވެހިންގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކުރާނެކަމަށާއި، މިއަދާހަމައަށްވެސް މަސައްކަތްކުރެއްވީ އެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަށް އެއްވެސް ރައްޔިތަކު ޝައްކެއް ނުބޭއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު މީގެކުރިން ގެންގުޅުނު ޚާރިޖީ ސިޔާސަތު ގެންގުޅެފާނެކަމަށް ބައެއް ފަރާތްތަކަށް ހީވާކަމަށެވެ. ނަމަވެސް އެހެން އެކަން ނުދާނެކަމަށާއި، އެމަނިކުފާނަށް ރާއްޖޭގެ މިނިވަންކަމާ އަމިއްލަ ވަންތަކަމަކީ އެންމެ މުހިންމު ކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބި މައްސަލަ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ރިވެތިކޮށް ހައްލުވެފައިވާކަމަށާއި،. ދެން އެކަން އެގޮތަށް ނުހިނގާނެކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމުގައި އަނެއްކާވެސް އެހެން ޤައުމެއް ސިފައިން އައިސް ވަޒަންވެރިވާނޭ. އަޅުގަނޑުމެންގެ ކަންކަމުގައި އެހެން ޤައުމެއްގެ އަތްމަނއްޗަށް ކަންކަން ދޫކޮށްލާނޭ. މި ދަތުރުގައި އިއުލާނުކުރި ވިޝަންފޯ ކޮމްޕްރެހެންސިވވް ޕާޓްނަޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީޢަކީ ލިޔެވިފައިވާއެއްޗެއް. އެއީ މިހާރުވެސް ތިއިން ކޮންމެ މީހަކު ބަލާލަން ބޭޏުންވިޔަސް ފެންނަން އޮތްއެއްޗެއް. ކޮންމެ ޖުމްލައެއްވެސް އޮންނާނި ޑިފެންސް މިނިސްޓްރީން ބަލައި އެޕްރޫވްކޮށްފައި. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް."
މީގެކުރިން ކަންކަން ވީގޮތަށް އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ، އޭގެބަދަލުގައި އިތުރުކުރަނީ އަމިއްލަ ކެޕޭސިޓީކަމަށާއި، އެ އެއްބަސްވުމުގައި އޮންނާނީ ދިވެހީންގެ އަމިއްލަ ކެޕޭސިޓީގައި ކަންކަންކުރާނެ ވާހަކަކަށެވެ. އެހެން ޤައުމެއްގެ ބައެއްގެ އަތްމައްޗަށް އެއްވެސް ކަމެއް ދޫކޮށްލާނެ ވާހަކަ ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް ބުރޫއަރާނެ އެއްވެސް ކަމެއްނޯންނާނެކަމަށާއި، ހުރިހާ ކަމެއް އޮންނާނީ ސާފުކޮށްކަމަށެވެ. އަދި މިއީ ދެފުށްފެންނަ ސަރުކާރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.