Ad

އޮޕަރޭޝަން ފޭކް ސްލިޕް ފުލުހުން ފަށައިފި

ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް “އޮޕަރޭޝަން ފޭކް ސްލިޕް” ގެ ނަމުގައި ހަރަކާތެއް ފަށައިފި އެވެ.

ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ މި ހަރަކާތް ފެށުމުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ބައިވެރިވެލެއްވި ކަމަށެވެ. އަދި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުން ވެސް މިއަދުގެ މި ހަރަކާތުގައި ބައިވެރިވި ކަމަށް ފުލުހުންް ބުނެފައި ވެއެވެ.

މި ހަރަކާތަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި އޮކްޓޫބަރު މަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރި ކުރުވުމަށެވެ. އަދި މި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަަމަޖެހިފައި ވެއެވެ.

މި ހަރަކާތުގައި، ހިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މި ހަރަކާތުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *