ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޕަރސަނަލް އަދި ހައުސިންގ ލޯނުތަކުގެ އިންޓްރަސްޓް ރޭޓް ކުޑަކޮށްފިއެވެ.
ބީ.އެމް.އެލްއިން ބުނީ، ބޭންކުގެ ކަސްޓަމަރުންނަށް މާލީގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން އެބޭންކުން ދޫކުރާ ޕަރސަނަލް އަދި ހައުސިންގ ލޯނާއި ފައިނޭންސިންގ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ.
އެގޮތުން މިއަދު ގެނައި ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ރޭޓް 15 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށާއި، ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި، 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެކަމަށް އެބޭންކުން ބުނެއެވެ. އަދި ޤަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް 12 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ.
މީގެއިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު 15 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ލިބޭނެ ކަމަށާއި، 300،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 އިންސައްތަ އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ހައުސިންގ ލޯން ޕޯރޓްފޯލިއޯއަށް ބަލާއިރު އެލޯނުގެ އިންޓްރަސްޓް ރޭޓްވަނީ 10 އިންސައްތަ ދަށްކޮށްފައެވެ. ބީ.އެމް.އެލްއިން ބުނީ، މިގެނައި ބަދަލާއެކު މިއީ ރާއްޖޭގައި އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަމަށާއި، މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާރޗޭސް ލޯން އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 އިންސައްތަ އަމިއްލައަށް ޚަރަދުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށް ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓްވެސް 10.5 އިންސައްތައާ ހަމައަށް ކުޑަކޮށްފައިވާކަމަށް އެބޭންކުން ބުނެއެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، މިއަދު އާންމުކުރި ބަދަލުތަކަށް ބަލާއިރު އަގުތައް %15 ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
" ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ބީއެމްއެލްގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު، އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސްވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި." ނިމާލް ވިދާޅުވިއެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނީ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ހާމަކުރާނެ ކަމަށެވެ.