Ad

ޑީބީއެމް އަކީ ހަމައެކަނި ބޭންކެއް ނޫން، ތަރައްގީގެ އިންޖީނެއް: ސީއީއޯ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަކީ ހަމައެކަނި ބޭންކްއެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ތަރައްގީގެ އިންޖީނެއް ކަމަށް އެ ބޭންކުގެ ސީއީއޯ ގްރެގާ ޕެޓެސަން ޖޯންސް ވިދާޅުވެއްޖެ އެވެ.

ޖޯންސް އެހެން ވިދާޅުވީ، ޑީބީއެމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ޑީބީއެމް އަކީ ހަމައެކަނި ބޭންކެއް ނޫން. އެއީ ތަރައްގީގެ އިންޖީނެއް. ރާއްޖޭގެ ވިޔަފާރިތަކުގެ ޕާޓްނަރެއް، އަދި މާދަމާގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް މާލީ އެހީތެރިކަން ހޯދާ ބައިނަލްއަގްވާމީ ސްޕޮންސަރުންނަށް ގޭޓްވޭއެއް،" އޭނާ ވިދާޅުވިއެވެ. 

ސީއީއޯ ވިދާޅުވީ، އެ ބޭންކުގެ ލަނޑުދަނޑި އަކީ އިންފްރާސްޓްރަކްޗާ ފައިސޭންސިންގައި ހުރި ގޮންޖެހުންތައް ހައްލުކޮށް، ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އިގްތިސާދީ ކުރިއެރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭތޯ މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން، ކުރު މުއްދަތަކަށް ބަލާއިރު، އެ ބޭންކުގެ އަމާޒަކީ، ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އަދި އެ ބޭންކުން ޑިޖިޓަލް އިގްތިސާދެއް ތަރައްގީކުރުމަށް އެއްބާރުލުން ދޭނެކަން ފާހަގަކުރެއްވި އެވެ.

"ދިގު މުއްދަތުގައި ބަލާނަމަ އަޅުގަނޑުމެންގެ އަމާޒަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް އެހީތެރިވުން،" ޖޯންސް ވިދާޅުވި އެވެ.

އެއީ ބޮޑު ކަމެއްގެ ފެށުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ޑިވެލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޝަންތަކާއި މަލްޓިލޭޓަރަލް ބޭންކުތަކާ ގުޅިގެން އެ ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ހިނގަމުންދާ ގޮތަށް ބަލާނަމަ، އެ ހިދުމަތް އަވަހަށް ފަށަން ޖެހޭކަން ޖޯންސް ފާހަގަކުރެއްވިއެވެ. އެގޮތުން، ޖީޑީޕީގެ ގާތްގަނޑަކަށް 30 އިންސައްތަ ތަމްސީލުކުރަނީ ފަތުރުވެރިކަމަށްވީ ނަމަވެސް، ބޭރުގެ ކަންކަމަށް ބަރޯސާވުމުން ރާއްޖެ ނިކަމެތިވެގެންދާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ބޭރުގެ އިމްޕޯޓް މުދަލަށް ރާއްޖެ ބަރޯސާ ވެފައި އޮތް އޮތުން ޖޯންސް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *